ދުނިޔެ ދުށް އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިޔާ ލިޔޮނެލް މެސީ ފަޚުރުވެރިކަމާއެކު, އުފަލުން ޤައުމީ ޖަރޒީ ބާލައިފިއެވެ. ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މެސީ ގައުމީ ޓީމްގެ ވަދާއީ މެޗަށްފަހު ބުނީ އޭނާ އާޖެންޓީނާގެ ފަޚުރުވެރި ޖަރޒީ ބާލަނީ ފަޚުރުވެރިކަމާއި, ހަމަޖެހުމާއެކު ކަމަށެވެ.
އެކަމަކު މެސީ ބުނީ ގައުމީ ޖަޒޒީގައި ހޭދަކުރި ކޮންމެ ވަގުތެއް, ގައުމީ ޓީމަށް ކުޅުން އަބަދުވެސް ވަރަށް ބޮޑަށް 'މިސް'ވާނެ ކަމަށެވެ. އަދި ޓީމްގެ ކޮނެމް މެމްބަރެއް, ސަޕޯޓަރެއްގެ މަތިންވެސް އަބަދުވެސް ހަނދާންވާނެ ކަމަށާއި, އަބަދުވެސް ޓީމާއެކު ހުންނާނެކަމުގެ ޔަގީންކަން މެސީ ދިނެވެ. މެސީ ބުނީ މިހާރު އޮތް އާޖެންޓީނާ ގައުމީ ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް އަދި ކުރިއަށް އޮތްތަނުގައި އާޖެންޓީނާގެ ގައުމީ ޖަރޒީލާ ކޮންމެ ކުޅުންތެރިއަކަށްވެސް އޭނާގެ ފުރިހަމަ ސަޕޯރޓް އަބަދުވެސް އޮންނާނެ ކަމަށެވެ.
ވަދާއީ މެޗަށްފަހު މެސީ ބުނީ ވޯލްޑް ކަޕާއި, ކޮޕަ އެމެރިކާ އަދި ފައިނަލިސީމާގެ ތަށްޓާއެކު އުފަލުން ހުރި ކަމަށެވެ. އެކަމަކު މެސީ ބުނީ ގައުމީ ޓީމްގެ ކާމިޔާބީގެ ދަތުރަކީ ހަމައެކަނި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި ނޫން ކަމަށެވެ. އަދި އެއީ މިއަހަރުގެ ވޯލްޑްކަޕް ފައިނަލަށް ދަތުރުކުރުންވެސް ނޫން ކަމަށެވެ. އެއީ އެކާމިޔާބީއާ ހަމައަށް އާދެވުމުގެ ކުރިންވެސް އެތައް ކުޅުންތެރިންނެއް ކުރި މަސައްކަތާއި, އޭނާއާއެކު އެތައް ކުޅުންތެރިންނެއް ކުރި ބުރަ މަސައްކަތުގެ ކާމިޔާބުގެ ދަތުރެއް ކަމަށް މެސީ ބުންޏެވެ. ދުނިޔޭގެ ޗެމްޕިއަންކަމާ ހަމައަށް ވާސިލްވެވުނީ އެއެންމެންގެ މަސައްކަތުން ކަމަށް މެސީ ބުންޏެވެ.
"ގައުމީ ޓީމަށް ކުޅުން އަހަރެން އަބަދުވެސް ވަރަށް މިސްވާނެ. ތިޔަ އެންމެން ދެކެވެސް އަހަރެން ވަރަށް ލޯބިވޭ. އަހަރެން ފަޚުރުވެރިވަން އާޖެންޓީނާއަށް, އާޖެންޓީނާއަށް އުފަންވީތީ އަބަދުވެސް ޝުކުރުކުރަން, ފަޚުރުވެރިވަން.މެސީ
މެސީގެ ވަދާއީ މެޗަށްފަހު ގައުމީ ޓީމްގެ ކޯޗާއި ކުޅުންތެރިންގެ ލޮލުންވެސް އޮހޮރުނީ ކަރުނައެވެ. ވަދާއީ މެޗުގެ 10 ވަނަ މިނިޓްގައި މެސީއަށް ޚާއްޞަކޮށް ކުޅުން މެދުކަނޑާލި ވަގުތުވެސް ކޯޗު ސްކެލޯނީގެ ލޮލުން ކަރުނަ އޮހޮރުނެވެ. މެޗަށްފަހު ކޯޗު ބުނީ މެސީއަށް ކޯޗުކޮށްދޭން ލިބުމަކީ ވަރަށް ބޮޑު އުފަލެއް އަދި ފަޚުރެއް ކަމަށެވެ. ޕްލޭނާ އެއްގޮތަށް ކަންކަން ދާނަމަ އޭނާ އާޖެންޓީނާގެ ކޯޗު ކަމުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަންވެސް ދިނެވެ.
މެޗަށްފަހު އާޖެންޓީނާގެ ޒުވާން ފޯވާޑް އެންޒޯ ފެނާންޑޭޒްގެ ލޮލުންވެސް ކަރުނަ އޮހޮރުނެވެ. އޭނާ ބުނީ މެސީ ވަރަށް ބޮޑަށް މިސްވާނެ ކަމަށާއި, މިރޭ ރޯންވީ ކިހާވަރަކަށް ކަންވެސް ނޭންގޭ ކަމަށެވެ. ލިސަންދްރޯ މާޓިނޭޒް ބުނީ އޭނާގެ ހިތުގެ އެންމެ ފުނުން މެސީދެކެ ލޯބިވާ ވާހަކަ މެސީ ކައިރީގައި ބުނި ކަމަށެވެ.
މެސީގެ ވަދާއީ މެޗު 3-0 ން ބެނިން އަތުން މޮޅުވިއެވެ. މެޗުގައި އެއް ލަނޑު ޖަހާ އަނެއް ދެ ލަނޑު ޖަހަން އެހީވެދިނީ މެސީއެވެ. މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 21 އަހަރު ގައުމީ ޓީމަށް ކުޅުމަށްފަހުއެވެ.