ޚަބަރު

އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ ނޮމިނޭޝަންތައް އިއުލާނުކޮށްފި


  • ފަސް ކުޅުންތެރިއަކު ވަނީ ނޮމިނޭޓުވެފައި

  • މިއީ އެފްއޭއެމް އެވޯޑްސްގައި ފުޓްސަލްގެ މޮޅު ކުޅުންތެރިޔާ ހޮވާ ފުރަތަމަ ފަހަރު

ތާރީޚުގައި ވެސް ރަސްމީ ހައިސިއްޔަތު ލިބި ފުޓްސަލްގައި ދެވޭ އެންމެ ބޮޑު އެވޯޑުކަމުގައިވާ، އެފްއޭއެމް އެވޯޑްސް - އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑަށް ފަސް ކުޅުންތެރިއަކު ނޮމިނޭޓުވެއްޖެއެވެ.

އެފްއޭއެމް އިން އިއުލާނުކުރި ނޮމިނޭޝަންގައިވާ ގޮތުން، މި އެވޯޑަށް ނޮމިނޭޓުވެފައިވާ ފަސް ކުޅުންތެރިންނަކީ ވެސް، ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރަން ތާޖު އެޅި ދިވެހި ޓީމުގައި ހިމެނޭ މުހިންމު ފަސް ކުޅުންތެރިންނެވެ.

އެގޮތުން، ޤައުމީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަޙްމަދު ހަމީދު (އަންމަޑޭ)، އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި ޒައިދާން އަޙްމަދު (އަސޫ) ވަނީ މި އެވޯޑަށް ނޮމިނޭޓުވެފައެވެ.

ފުޓްސަލް އަކީ ރަސްމީކޮށް އެފްއޭއެމްގެ ދަށުން ހިންގާ ކުޅިވަރަކަށް ހަދައި، މި ކުޅިވަރަށް އޭގެ އަަސްލު މަގާމު ހޯދައިދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގައި، އެފްއޭއެމް އެވޯޑު ހަފްލާގެ ތެރެއިން އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާއަށް އިނާމުދޭން ވަނީ ނިންމާފައެވެ. އަދި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަގުވަޒަންކުރުން ވެސް މި ޙަފްލާގެ ތެރެއިން އޮންނާނެއެވެ.

އެފްއޭއެމް އިން އަންނަނީ ރާއްޖޭގެ އިންތިޒާމުވެ، ރޭވިގެން ފުޓްސަލްގެ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން އަތޮޅު ބުރުތަކާއި ޒޯން ބުރުތަކަށްފަހު، ރީޖަނަލް ކޮލިފިކޭޝަނެއް ކުޅެ، ފުޓްސަލްގެ ޕްރިމިއަރ ލީގެއް ފެށުމުގެ މަސައްކަތް އެފްއޭއެމް އިން ކުރަމުން އަންނައިރު، މި މަސައްކަތުގައި މިހާރު ކުރިއަށްދަނީ ޒޯން ބުރެވެ.

އެފްއޭއެމް އިން ބާއްވާ އެފްއޭއެމް އެވޯޑްސް ޙަފްލާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.