ޚަބަރު

ޔަހޫދީން ހުޅަނގު އައްސޭރިން މީހަކު ޝަހީދުކޮށްލައި އިތުރު ބަޔަކު ޒަޚަމްކޮށްލައިފި


ޔަހޫދީ ދައުލަތުގެ އިސްތިޢުމާރީ ސިފައިންނާއި ޔަހޫދީ ވަޒަންވެރިން، ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ހިންގި އަނިޔާވެރި ޢުދުވާންތަކެއްގައި ފަލަސްޠީނުގެ މީހަކު ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.

އަލްޚަލީލް އިރުމަތީގައި ޔަހޫދީންގެ ނިރުބަވެރި ސިފައިން ވަނީ ފަލަސްޠީނުގެ ތިން މީހުން ތިބި އުޅަނދަކަށްބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ފަލަސްޠީނުގެ ކަމާބެހޭ އިދާރާއިން ހާމަކުރި ގޮތުގައި މި ހަމަލާގައި ޝަހީދުވެފައިވަނީ އުމުރުން 38 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ޔަހޫދީން ސިފައިން ދޫނުކޮށް، ހިފަހައްޓާފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. މި ހާދިސާގައި ދެން ތިބި މީހުންނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

މީގެއިތުރުން، ރަމަﷲ ކައިރީގައިވާ ސަރަހައްދެއްގައި ހިނގި ޙާދިސާއެއްގައި ޔަހޫދީންގެ އިސްތިޢުމާރީ ބާރުތަކުން ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްޠީނުގެ މީހަކަށް ވެސް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

ހަމައެއާއެކު، ޖިނީންގެ ދެކުނު ހުޅަނގުގައިވާ ސަރަޙައްދުގައި ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްޠީނު މީހުންނަށް ހަމަލާދީ، ތިން މީހުން ޒަޚަމްކޮށްލާފައެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އެ މީހުންނަށް ފަރުވާދިނުމަށް ހަސްފަތާލަށް ގެންގޮސްފައިވާ ކަމަށެވެ. އަނަދޫލޫ ނޫހުން ރިޕޯޓުކުރި ގޮތުގައި، މި ހަމަލާގައި އެކެއްގެ ފައި ބިންދައިގެން ގޮސް، އަނެކެއްގެ އަތަށް އަނިޔާވެ، އަދި އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ވަނީ ޕެޕަރ ސްޕްރޭ ޖަހައިފައެވެ.

މި ހަމަލާތައް އިތުރުވެފައި މިވަނީ، މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ޔަހޫދީ ދައުލަތުގެ އާންމު އިންތިޚާބާ ދިމާކޮށް، ފަލަސްޠީނުގެ ސިޔާސީ ބޭފުޅުންނާއި ޕާޓީތަކުން އިންތިޚާބުގައި ބައިވެރިވުން ހުއްޓުވުމަށް ޔަހޫދީން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފަލަސްޠީނުގެ ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2023 އޮކްޓޫބަރުގެ ފަހުން ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީން ދިން 14,742 އަށްވުރެ ގިނަ ހަމަލާގައި ފަލަސްޠީނުގެ 66 މީހުން ވަނީ ޝަހީދުވެފައެވެ. އަދި ޔަހޫދީން ވަނީ 100,485 ޒައިތޫނި ގަސް ހިމެނޭހެން، ޖުމްލަ 147,111 ގަސް ބިންދައި، މުލުން ލުހެ، ރޯކޮށް އަދި ވިހަދީގެން މަރާލައިފައެވެ.