އެމެރިކާގެ އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގެ ރެގިއުލަރ ސީޒަން ފެށުމުގެ ކުރިން ކުޅޭ ޕްރީ ސީޒަންގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރި މެޗު ކްލިޕާރސް ކާމިޔާބު ކޮށްފިއެވެ.
ހަވާއީގެ އެންމެ ބޮޑު އިންޑޯ ސެންޓަރ ކަމަށްވާ ހޮނޮލުލޫގެ ސްޓޭން ޝެރިފް ސެންޓަރގައި ކުޅުނު މިމެޗު ކްލިޕަރސް ކާމިޔާބު ކޮށްފައިވަނީ 104 ޕޮއިންޓް 101 ޕޮއިންޓުންނެވެ. މިމެޗުގެ ފުރަތަމަ ކުއާޓަރގައި ވޮރިއަރސް އިން އެންމެ ޕޮއިންޓެއްގެ ލީޑެއްގައި އޮތް ނަމަވެސް ދެވަނަ ކުއާޓަރގައި ކްލިޕަރސްވަނީ މޮޅު ކުޅުމެއް ދައްކާ މެޗު ހާފް ޓައިމަށް ހުއްޓާލިއިރު 12 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މިމެޗުގެ ފަހު ދެ ކުއާޓަރގައި ވޮރިއަރސް އިން ތަފާތު ކުޑަކުރި ނަމަވެސް ކްލިޕަރސްއިން ފުރަތަމަ ހާފްގައި ނެގި 12 ޕޮއިންޓްގެ ލީޑު އެއްކޮށް ދުއްވާލެވޭ ގޮތެއް ނުވިއެވެ.
މިމެޗުގައި ކްލިޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގައިދިން ރުއި ހަޗިމުރާއެވެ. މީގެއިތުރުން ޑާރިއަސް ގާލަންޑް 15 ޕޮއިންޓް ހޯދައިދީ 3 ރީބައުންޑް ނަގާ 6 އެސިސްޓް ކުރިއިރު ކީޓަން ވެގްލަރވަނީ 15 ޕޮއިިންޓް ހޯދައިދީ 6 ރީބައުންޑް ނަގައިދީ 3 އެސިސްޓް މިމެޗުގައި ކޮށްފައެވެ. ވޮރިއަރސް އަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ އެއް އެސިސްޓްކުރި ޗާލްސް ބަސީއެވެ. މީގެއިތުރުން ބްރެންޑަން ވިލިއަމްސް އާއި ގްރަހަމް އީކަރ އިން ކުރެ ކޮންމެ ކުޅުންތެރިޔަކު 11 ޕޮއިންޓް ހޯދައިދިންއިރު ސްޓެފަން ކަރީ ވަނީ 10 ޕޮއިންޓް ހޯދައިދީފައެވެ.
ޕްރީ ސީޒަންގައި ޔޫޓާ ޖޭޒް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރި މެޗު 109 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޖޭޒްއެވެ. ކޮލޮރާޑޯގެ ސީޔޫ އިވެންޓްސް ސެންޓަރގައި ކުޅުނު މިމެޗުގައި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއްް ދެއްކީ 17 ޕޮއިންޓް ހޯދައިދީ 2 ރީބައުންޑް ނަގައިދިން ލައުރީ މާކަނެންއެވެ. މީގެއިތުރުން ބްލޭކް ހިންސެންވަނީ 14 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގައިދީފައެވެ. ނަގެޓްސްއަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ޕޮއިންޓް ހޯދައިދީ 4 ރީބައުންޑް ނަގައިދިން އާރޮން ގޯޑަންއެވެ.