ޗައިނާގެ ވެރިރަށް ބެއިޖިންގގައި މިހާރު ކުރިއަށްދާ ޗައިނާ އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން މިމުބާރާތުގައި 6 ވަނައަށް ސީޑު ކުރެވިފައިވާ ސަރބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން ޖޯކޮވިޗް ޖާގަހޯދީ މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް އާއި ބައްދަލުކުރި މެޗު ފަހަތުން އަރާ 2 ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިވަގުތު އެންމެ ފޯމްގައި ކުރި ޒުވަރޭވް އާއި މިވަގުތު ކުޅޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެންމެ ތަޖްރިބާ ބޮޑު ޖޯކޮވިޗްގެ މިކުރިމަތިލުމުގެ ފެށުން ރަނގަޅުވީ ޒުވަރޭވްގެއެވެ. މިގޮތުން ފުރަތަމަ ސެޓުގެ ފުރަތަމަ ގޭމްގައި ޒުވަރޭވްވަނީ ޖޯކޮވިޗްގެ ސަރވް ބްރޭކްކޮށް އެސެޓުގައި ލީޑު ނަގާފައެވެ. ނަތީޖާ އަކަށްވީ އެސެޓު ހަތަރެއް ހަޔަކުން ޒުވަރޭވް ކާމިޔާބު ކުރުމެވެ. މިމެޗުގެ ދެވަނަ ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެންނަމުންގޮސް ޖޯކޮވިޗް ކުރި ހޯދީ ފަހެއް ހަތަރަކުން ކުރީގައި އޮވެ ޒުވަރޭވްގެ ސަރވް ބޭރކް ކޮށްގެންނެވެ. އެއާއެކު އެސެޓު ހައެއް ހަތަރަކުން ޖޯކޮވިޗް ކާމިޔާބު ކޮށް މިމެޗު ތިންވަނަ ސެޓަކަށް ގެންދިޔައެވެ. ތިންވަނަ ސެޓުގައިވެސް ވަރަށް ހަމަހަމަ ކުޅުމަކަށްފަހު ޖޯކޮވިޗް ކުރި ހޯދީ އަނެއްކާވެސް ފަހެއް ހަތަރަކުން ކުރީގައި އޮވެ ޒުވަރޭވްގެ ސަރވް ބްރޭކް ކޮށްގެންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ބުނީ އުމުރުން 39 އަހަރުގައި އަދިވެސް ކުޅުން ހުއްޓާނުލާ ކުޅެމުންދަނީ މިފަދަ ކާމިޔާބީތަކުގެ ސަބަބުން ކަމަށެވެ. އަދި ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާ އެއް ވަރެއްގައި ހަޑިގަނޑު ރަނގަޅު ފޯމެއްގައި ހުރެ ކުޅޭއިރު ހިތްވަރަކީ އޮޓަމެޓިކުން އަންނަ އެއްޗެއް ކަމަށެވެ. މިކާމިޔާބީ އާއެކު ޖޯކޮވިޗް މިވަނީ ޖެއިޖިންގގައި ބަލިނުވެ 32 ވަނަ މެޗު ހަމަކޮށްފައެވެ. އަދި މިނާކާމިޔާބީ އާއެކު މިއަހަރު ނިމޭއިރު ދުނިޔޭގެ އެއްވަނަ މަގާމަށް އެރުމަށް ޒުވަރޭވް ކުރަމުންދިޔަ މަސައްކަތަށް މިވަނީ ހުރަސް އެޅިގެން ގޮސްފައެވެ. ޗައިނާ އޯޕަންގެ ތަށި 7 ވަނަ ފަހަރަށް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ޖޯކޮވިޗް ސެމީ ފައިނަލްގައި ވާދަކުރާނީ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އާއެވެ.
މިމުބާރާތުގެ ސެމީ ފައިނަލުން މެޑްވެޑޭވް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އާޖެންޓީނާގެ ފްރަންސިސްކޯ ސެރުންޑޮލޯ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ހަތަރަކުން ކާމިޔާބު ކުރުމުގެ އިތުރުން ދެވަނަ ސެޓު ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ. މީގެއިތުރުން މިމުބާރާތުގައި ފަސް ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯވަނީ ރަޝިއާގެ އަންޑްރޭ ރުބްލޭވް އާއި ބައްދަލުކުރި މެޗު ކާމިޔާބު ކޮށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މިމެޗު ޑި މިނޯ ކާމިޔާބު ކުރީ ފުރަތަމަ ސެޓު އެކެއް ހަޔަކުން ރުބްލޭވް ކާމިޔާބު ކޮށްފައިވަނިކޮށް ޖެހިގެން އައި ދެސެޓު ހައެއް ދެއެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ. މިމުބާރާތުގެ ސެމީ ފައިނަލްގައި ޑި މިނޯ ވާދަކުރާނީ ޕޯލަންޑްގެ ހުބަރޓް ހާކާޒްއާއެވެ. މިމުބާރާތުގެ ސެމީ ފައިނަލުން ހާކާޒް ޖާގަހޯދީ ރަޝިއާގެ ކަރެން ހަޗަނޯވް އާއި ބައްދަލު ކުރި މެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ދެއަކުން ކާމިޔާބު ކޮށް އަދި ދެވަނަ ސެޓު ހައެއް ދެއަކުން ކާމިޔާބު ކޮށްގެންނެވެ.