ކުޅިވަރު

އޭޝިއަން ގޭމްސް: މޫސުން ގޯސް، މައްސަލަ ގިނަ، މުގުރާލީ 50 ރެކޯޑް


  • މި މުބާރާތުގައި 45 ގައުމު ބައިވެރިވި

  • އެއިޗީ އާއި ނަގޯޔާގައި ކުރިއަށްދިޔަ މުބާރާތުގައި 43 ކުޅިވަރު ކުޅުނު

އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް އިއްޔެ ޖަޕާނުގައި ނިންމާލައިފިއެވެ. ސެޕްޓެމްބަރު މަހުގެ 19 އިން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތުގައި 45 ގައުމު ބައިވެރިވިއެވެ. ޖަޕާނުގެ އެއިޗީ އާއި ނަގޯޔާގައި ކުރިއަށްދިޔަ މުބާރާތުގައި 43 ކުޅިވަރު ކުޅުނެވެ. ބައިވެރިންނާއި އޮފިޝަލުންގެ އަދަދު 17000 ވުރެ މަތިވިއެވެ. މިއީ އޮލިމްޕިކްސްގެ ބައިވެރިންނަށްވުރެ ވެސް މަތީ އަދަދެކެވެ.

ޖަޕާނުން އެންމެ ފުރަތަމަ މި ގޭމްސް އަށް ކަނޑައެޅި 0.64 ބިލިއަން ޑޮލަރެވެ. ނަމަވެސް ކުޅިވަރުތައް ގިނަވެ އެތުލީޓުންނާއި އޮފިޝަލުންގެ އަދަދު އުފުލިގެން ދިއުމުން ގޭމްސް ނިމުނުއިރު ހޭދަ 2.38 ބިލިއަނަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. އެހެންވިއްޔާ މި ގޭމްސްއިން ކުރިމަގަށް ޖަޕާން ދައްކުވައިދިނީ ކޮންކަމެއް ހެއްޔެވެ؟ މާޒީ އަށް ދޫކޮށްލީ ކޮންފަދަ ކަމެއް ހެއްޔެވެ؟

މުޅި ގޭމްސްގައި އެންމެ ފާހަގަ ކުރެވުނީ ޒުވާން ތަރިންނެވެ. ޗައިނާގެ 13 އަހަރުގެ ފެތުންތެރިޔާ މުޅި ގޭމްސް ފަތަހަ ކުރި ފަދައެވެ. ރެކޯޑް ތަކަކާއެކު ޖުމުލަ ތިން ރަން މެޑަލް ހޯދިއެވެ. މިހާރު ބެލެވިފައިވަނީ އޭނާ އަކީ 2028ގެ އޮލިމްޕިކްސްގައި އެތުލީޓުންނަށް މެޑަލް ހޯދުމުގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ސްކޫލްގައި ކިޔަވަމުންދާ މި ދަރިވަރު ގޭމްސްގެ އެންމެ މޮޅު އެތުލީޓުގެ މަގާމަށް ހޮވުނީ 200 މީޓަރ ބަޓަފްލައި ރޭހައި 200 އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ ޑަބަލްސް ކާމިޔާބު ކޮށްގެންނެވެ.

"އަހަރެންނަކަށް ހިޔެއް ނުވޭ މީހުން އެ ބުނާހާ އަދި އަހަރެން މޮޅުހެން،" 13 އަހަރުގެ މި ފެތުންތެރިޔާ ބުންޏެވެ.

ޖަޕާނުގެ 17 އަހަރުގެ ފެތުންތެރިޔާ ޝިން އޮހާޝީ 200 މީޓަރު ބްރެސްޓްސްޓްރޯކުގެ ދުނިޔޭގެ ރެކޯޑު ހެދިއެވެ. ތައިލެންޑްގެ 20 އަހަރުގެ ދުވުންތެރިޔާ100 މީޓަރާއި 200 މިއަހަރުގެ ރެކޯޑު ހެދީ ގިނަ ދުވަސްދުވަހު ވެހުނު ބޯ ވާރޭގެ ތެރޭގައެވެ. ނަމަވެސް ރިވެތި ހަވީރެއްގައި ޖަޕާނުން ގަތަރުގެ ދޯހާ އަށް ގޭމްސްގެ ދިދަ ހަވާލުކުރިއިރު ކުރިއަރާފައިވާ ޖަޕާނުން މި ގޭމްސް މެދުވެރިކޮށް ދުނިޔެ އަށް ދައްކުވައިދިނީ ކޮން ކަމެއް ހެއްޔެވެ؟

ޖަޕާނަށް ދިޔަ ބައެއް އެތުލީޓުންނަށް އެއާޕޯޓުގައި ގިނައިރުތަކެއް ވަންދެން ތިބެން ޖެހުނެވެ. އެކޮމޮޑޭޝަނާއި ދަތުރު ފަތުރުގެ ގިނަ މައްސަލަތަކެއް ކުރިމަތިވިއެވެ. އެނގިގެންނާއި ނޭނގި ބައެއް ގައުމުތަކުގެ ގައުމީ ސަލާމް އޮޅުވާލިއެވެ. ޚާއްސަކޮށް ދެ ކޮރެޔާގެ ގައުމީ ސަލާމެވެ. ބައެއް ޓީމުތައް ކުޅެން ޖެހިފައިވާ ތަން ނޫން އެހެން ތަނަކަށް ގެންދެވި މެޗުތައް ފަސް ކުރަން ޖެހުނެވެ. ބައެއް އެތުލީޓުންނަށްވުރެ ޖަޕާނުން ތައްޔާރުކުރި އެނދުތައް ކުޑަވުމާއި ކޮންޓޭނަރު ސްޓައިލަށް ހެދި ކޮޓަރިތަކުގެ ތާށިކަން ބޮޑުވިއެވެ. އަގުބޮޑު ހޮޓާތައް ކުއްޔަށް ނުހިފައި އަދި ގޭމްސްގައި އެތުލީޓުން ބައިތިއްބާ ވިލެޖް ހެދުމުގަ ބަދަލުގައި ޖަޕާނުން މި ފަހަރު ނިންމީ މި ގޮތަށް ތައްޔާރުކުރާ ކުޑަކޮޓަރިތަކާއި ކްރޫޒްލައިނާތަކުގައި މީހުން ބައިތިއްބާށެވެ. ބޭނުމަކަށްވީ ޚަރަދު ކުޑަކުރުމެވެ.

އޮލިމްޕިކް ކައުންސިލް އޮފް އޭޝިޔާގެ ޑައިރެކްޓަރ ޖެނެރަލް ހުސައިން އަލް މުސައްލަމް ވިދާޅުވީ މިފަދަ މައްސަލަތައް ދިމާވީ ކުއްލިއަކަށް ކުޅިވަރުތައް ގިނަވެ، ގޭމްސްގެ ބައިވެރިންގެ އަދަދު މާބޮޑަށް އަރައިގެން ދިއުމުން ކަމަށެވެ.

"އެތުލީޓުންނަށް ރަނގަޅަށް ޕާފޯމް ނުކުރެވޭނެ އެ މީހުންނަށް ރަނގަޅަށް ނުނިދޭނަމަ. ރަނގަޅަށް ދަތުރު ފަތުރު ނުކުރެވުނު ނަމަ،" އައްލާމީ ވިދާޅުވިއެވެ.

ނަމަވެސް އޭނާގެ ވާހަކަތައ ތައިލެންޑް ފަދަ ގައުމުތަކުން ގަބޫލެއް ނުކުރެއެވެ. އެ ގައުމުގެ އޮލިމްޕިކް ކޮމިޓީގެ އޮފިޝަލަކު އޭއެފްޕީ އަށް ބުނީ ޖަޕާނުގެ ތައްޔާރީތަކަކީ މިއުޒިކަލް ޗެއާއެއްގައި އިނުން ފަދަ ކަމެއް ކަމަށެވެ. މި ގޭމްސްގައި ދެން އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ކުޅި ބަލަން ދިޔަ މީހުން މަދުވުމެވެ. މި ގޮތުން އެންމެ ފާހަގަ ކުރެވުނީ ޖަޕާނާއި ކޮރެޔާ ކުޅުނު އަންހެން ފުޓުބޯޅަ މެޗު ބަލަން ބައިލައްކަ މީހުންގެ ސްޓޭޑިއަމުގައި އެންމެ 998 މީހުން ތިބުމެވެ. ޖަޕާނުން ބުނީ އެގޮތަށް ދިމާވި މައިގަނޑު ސަބަބަކީ މި ދުވަސްވަރު މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހުން ކަމަށެވެ.

މިފަދަ ސަބަބުތަކާހުރެ ޖަޕާނުގެ ވެރިން ގިނައިރު ދިފާއީ ވިސްނުމެއްގައި ތިބެން ޖެހުނަސް އެ މީހުން ދެކެނީ މިއީ ކާމިޔާބު ގޭމްސްއެއް ކަމަށެވެ.

"ވަރަށް ގިނަ މައްސަލަތައް އެބަހުރި. އެކަމަކު މިއީ ކުރިމަގުގައި ހަރަދު ކުޑަ ގޭމްސްއެއް ބޭއްވިދާނެ ކަމުގެ މޮޑެލް އެއް. މޫސުމުގެ ދަތިތަކާހުރެ ވެސް ބައެއް ކުޅިވަރުތައް ކުޅުނީ ފުލް ހައުސްއެއްގައި،" ޖަޕާނުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ސެއިކޯ ހަޝިމޯޓޯ ވިދާޅުވި އެވެ.

ގޭމްސްގައި އެންމެ ގިނަ މެޑަލް ހާސިލް ކުރީ 341 މެޑެއްޔާއެކު ޗައިނާއެވެ. ދެ ވަނައިގައިވަނީ ޖަޕާނެވެ. އެ ގައުމުން 269 މެޑަލް ހޯދިއިރު 150 މެޑަލްއާއެކު ތިން ވަނަ ހޯދީ ދެކުނު ކޮރެޔާއެވެ. މި ގޭމްސްގައި މެޑަލް ނުލިބެނީ ފަސް ގައުމަކަށެވެ. އެއީ ބޫޓާނާއި އީސްޓީމޯއާއި ދިވެހިރާއްޖެ އާއި ފަލަސްތީނާއި ޔަމަނަށެވެ.