ޚަބަރު

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 48 އަހަރު


ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ލިބިގެން ދިމުޤްރާތީ އުސޫލުން ހިގަމުންދާ ވެރިކަމަކަށް ވެފައި އެކަހަލަ ވެރިކަމެއް އޮވެގެން ނޫނީ ތަރައްޤީއާއި ތަހުޒީބުގެ ރޮގުން ކުރިޔަށް ނުދެވޭނެކަމަށް ފެނިގެން ދެވަނަ ފަހަރަށް ދިވެހިން ޖުމްހޫރީ ވެރިކަމެއް ބަލައިގަތީ 1968 ވަނައަހަރުއެވެ.

މިއާއެކު ކޮންމެ އަހަރެއްގެވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަނީ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ. މިއަދަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 48 އަހަރުފުރޭ ޖުމްހޫރީ ދުވަހެވެ.

މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ. މިހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ. އެއަށްފަހު ރާއްޖޭގެ ސިންގާސަނާ ނުވަތަ ވެރިކަމުގެ ތަޚުތު ހުރީ ފަޅަށެވެ.

މާގިނަދުވަސްތަކެއްނުވެ ނުހަނު ލޯތްބާއި އިޚްތިރާމާއެކު ދިވެހިރާއްޖޭގެ ރަސްކަން ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހީން އެރުވިއެވެ. އެއީ 11 އޭޕްރީލް 1943 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ހޭދަވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަސައްކަތްތަކެއް ނާދީ ތަމައްދުންގައި ފެށުނެވެ. މިގޮތުން ގިނަ ބައްދަލުވުން ތަކަކަށްފަހު ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފަނުކަމަށެވެ.

ނަމަވެސް ރާއްޖޭގެ ދާޚިލިއްޔާއާއި ޚާރިޖިއްޔާގެ ހާލު ހުރިގޮތުން ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙަންމަދު އަމީން ބޭނުންފުޅެއް ނުވިއެވެ. މިހިސާބަށް ދިޔުމުން ރާއްޖެގެ ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތާއި މެދު މަޝްވަރާކޮށް ހިޔާލުތަކެއް ހުށައެޅުމަށް 8 ބޭފުޅުންގެ މައްޗަށް ހިމެނޭ ކޮމެޓީއަކާއި ހަވާލުކުރެއްވިއެވެ. މި ކޮމެޓީގެ ބޭފުޅުން ވަރަށް މިނިވަންކަމާއި އެކު މަޝްވަރާ ކުރެއްވުމަށްފަހު ރައްތިޔުންގެ މަޖިލީހަށް ހުށައެޅުއްވި ރިޕޯޓްގައި ވަނީ މިތަންވަޅު ރާއްޖެއަށް ކަން ދިމާވެފައިވާ އޮތް ގޮތަކުން ރާއްޖޭގެ ވެރިކަން ހިންގުމުގެ އުސޫލަށް ބަދަލެއް ގެނެސް މިތަން ޖުމްހޫރިއްތަޔަކަށް ހެދުމަށް ޒަރޫރިއްޔަތު މަޖްބޫރުކުރުވައިފިކަމަށެވެ.

މިނިންމެވުމަށް  ތާއިދުކުރައްވާ ދިވެހި ރާއްޖޭގެ އޮންނަން ފެންނަނީ  ޖުމްހޫރި ވެރިކަމެއްކަމަށް ރައްޔިތުންގެ ހާއްސަ މަޖްލީހުން ފާސްކުރެއްވިއެވެ. މިއާއި އެކު މީލާދީ ގޮތުން 1952 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 17 ވަނަދުވަހު ރާއްޖޭގައި އޮންނަން ފެންނަނީ ރަސްކަމެއްތޯ ޖުމްހޫރީ ވެރިކަމެއްތޯ ބެލުމަށް ރައްޔިތުންގެ އާއްމު ވޯޓެއް ނެގިއެވެ. މި ވޯޓްގެ ނަތީޖާ އިޢުލާންކުރެވިގެން ދިޔައިރު ރާއްޖޭގައި  ޖުމްހޫރީ ވެރިކަމެއް އޮންނަން ފެންނަކަމަށް ނުވަދިހަ އަށްވުރެ މަތީ އިންސައްތައެއް ލިބިގެންދިޔައެވެ. އަދި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހުންނެވުމަށް ރައްޔިތުން އިއްތިފާގުވިއެވެ.

ފުރަތަމަ ޖުމްހޫރިއްޔާ 1 ޖެނުއަރީ 1953 ގައި އުފަންވިނަމަވެސް މި ޖުމްހޫރިއްޔަތު ދެމިއޮތީ 7 މަހާއި 26 ދުވަހަށެވެ. ދިވެހި ރާއްޖޭގައި ފުރަތަމަ އުފެދުނު ޖުމްހޫރީ ވެރިކަން އޭގެ ޅަފަތުގައި ދިވެހިން އުވާލާ އަނެއްކާވެސް ގަސްތުކުރީ ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ބަދަލުކުރުމަށެވެ. އެގޮތުން ފުރަތަމަ ޖުމްހޫރީ ވެރިކަމަށްފަހު އަލުން އުފެދުނު ރަސްކަމަށް މީލާދީ ގޮތުން 14 އަހަރާއި 8 މަހާއި 4 ދުވަސްވީ ފަހުން އަނެއްކާވެސް ދިވެހިން ގަސްތުކުޅައީ ޖުމްހޫރީ ވެރިކަމެއް ލިބިގަތުމަށެވެ.

އެހެންކަމުން 5 އޮކްޓޯބަރ 1967 ގައި މި މައްސަލަ ރައްޔިތުން މަޖްލީހަށް ހުށައެޅުއްވިއެވެ. ރައްޔިތުން މަޖީލީހުންވެސް އެކަމަށް ތާއީދުކޮށް ފާސްކުރެއްވުމުން ދެން ހުށައެޅުނީ ރައްޔިތުންގެ ވޯޓަކަށެވެ. މިފަހަރު ޖުމްހޫރީ ވެރިކަމަށް ތާއިދުކޮށް 39794 މީހުން ވޯޓްދީފައިވެއެވެ. ނުފެންނަ ކަމަށް ވޯޓް ދިނީ 992 މީހުންނެވެ.

ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔާއެއް ޤާއިމުކުރެވުނީ 11 ނޮވެމްބަރ 1968ގައެވެ. ދިވެހިރާއްޖޭގެ ދެވަނަ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ދިވެހިން އިންތިހާބު ކުރީ އޭރުގެ ވަޒީރުލް އައުޒަމްގެ މަޤާމުގައި ހުންނެވި ސުމުއްވުލް އަމީރު އިބުރާހިމް ނާސިރެވެ. 1968 ވަނަ އަހަރުގެ ނޮވްމެބަރު މަހުގެ 11 ރަވަނަ ދުވަހުން ފެށިގެން ބަރާބަރު 10 އަހަރު ރައީސުލްޖުމްހޫރިއްޔާކަން އެމަނިކުފާނު ކުރައްވާފައިވެއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކަށް އަލްއުސްތާޒު މައުމޫން އަބްދޫލް ޤައްޔޫމް އިންތިހާބު ވެޑައިގެންފައިވަނީ 1978ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަދުވަހުއެވެ. ރާއްޖޭގެ ވެރިކަމުގައި 30 އަހަރު ދުވަހު ހުންނެވުމަށްފަހު ރައީސް މައުމޫން އެމަޤާމުން ވަކިވެޑައިގެންފައިވަނީ 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި މަލްޓި ޕާޓީ ފުރަތަމަ އިންތިހާބުން ނާކާމިޔާބުވެޑައިގަތުމުންނެވެ. އެއަށްފަހު ރާއްޖޭގެ ވަރިކަމާއި ހަވާލެވެޑައިގަތީ ގ.ކެނެރީގޭ މުހައްމަދު ނަޝީދެވެ. އެމަނިކުފާނުގެ 5 އަހަރުގެ ދައުރު ހަމަނުވަނީސް އެ ވެރިކަން ނިމިގެންދިޔައީ 2012 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން އެދައުރު ހަމަވަންދެން ރައީސްކަން ކުރެއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސުލްޖުމްޙޫރިއްޔާގެ ނާއިބަކަށް ހުންނެވި ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކެވެ. އެއާއެކު ޑރ. ވަހީދުވެގެންދިޔައީ، ދެވަނަ ޖުމްހޫރިއްޔާގެ 4 ވަނަ ރައީސަށެވެ. އެމަނިކުފާނު ރައީސްކަން ކުރައްވާފައިވަނީ 2012 ވަނައަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހުން ފެށިގެން 2013 ވަނަ އަހަރުގެ ނޮވެންބަރު 16ގެ ނިޔަލަށެވެ.

އަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ 5 ވަނަ ރައީސެވެ. 2013ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ އެމަނިކުފާނު ރައީސްކަމުގެ މަޤާމާ ހަވާލުވެޑާއިގެންފައިވަނީ 17 ނޮވެމްބަރ 2013ގައެވެ. މިއަދު ފާހަގަކުރަމުން ދަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 48 އަހަރުފުރޭ ޖުމްހޫރީ ދުވަހެވެ.