ސަޢޫދީ ޢަރަބިއްޔާއާއި ތުރުކީވިލާތް އަދި ޕާކިސްތާނުގެ އަސްކަރީ އިސްވެރިންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެ ޤައުމުތަކުން ނިންމައިފިއެވެ. މި ބައްދަލުވުމަކީ 'މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓު' ގެ ދަށުން ސަޢޫދީ ޢަރަބިއްޔާއަށް އެހީތެރިކަން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މިއީ، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާން އަލް-ސުޢޫދާއި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު އިސްޙާޤް ދާރް އަދި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހަކާން ފިދާން ނިއު ޔޯކުގައި ބޭއްވެވި ބައްދަލުވުމަށްފަހު ނިންމެވި ނިންމެވުމެކެވެ. 'މައްކާ ދިފާޢީ މުޢާހަދާ' ބުނާގޮތުން މީގެ ތެރެއިން އެއް ޤައުމަށް ދޭ ހަމަލާއަކީ ތިން ޤައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލޭނެއެވެ.
ޔަމަނުގެ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާއަށް ދޭ ހަމަލާތައް އިތުރުވެފައިވާއިރު، ޠާއިފާއި ޔަންބުޢުއަށް އަމާޒުކޮށް ފޮނުވާލި ހަ މިސައިލެއް ސަޢޫދީ ޢަރަބިއްޔާއިން ވަނީ ވައްޓާލާފައެވެ. އަނެއްކޮޅުން ޙޫޘީން ބުނީ ރިޔާޟާއި ޔަންބުޢުގެ އަރާމްކޯއަށް ހަމަލާދީފައިވާނެ ކަމުގައެވެ. މި ދަނޑިވަޅުގައި ސަޢޫދީ ޢަރަބިއްޔާގެ ދިފާޢުގައި އެހީތެރިވުމަށް ފަރަންސޭސިވިލާތުން ވެސް ވަނީ ހުށަހަޅާފައެވެ. ޔަންބުޢު ހިމާޔަތްކުރުމަށް އަސްކަރީ ވަސީލަތްތަކާއި ރާޑަރު އަދި ދިފާޢީ ނިޒާމުތައް ފޮނުވާނެ ކަމަށް ރައީސް އެމެނުއެލް މެކްރޮން ވިދާޅުވިއެވެ.
ޔަމަނުގެ އެތެރޭގައި ހަނގުރާމަ ވަރުގަދަވެ، 24 ގަޑިއިރު ތެރޭގައި ސަރުކާރު ކޮޅުގެ 98 ސިފައިންނާއި ޙޫޘީންގެ 52 ހަނގުރާމަވެރިން ހިމެނޭހެން 150 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެއިތުރުން ޙޫޘީން ވަނީ ބަނދަރުމަތީ ރަށެއް ކަމުގައިވާ މުޚާ ހިފައި، ބާބް އަލް-މަންދަބް ކަނޑުއޮޅި ސަރަޙައްދުގައި ބާރުގަދަކޮށްފައެވެ. ދުނިޔޭގެ ވިޔަފާރި މުދަލުގެ %12 އުފުލާ މި ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްއެޅުމުގެ ސަބަބުން މުޅި ދުނިޔޭގެ އިޤުތިޞާދަށް ނުރައްކާވެދާނެ ކަމުގައި ޔަމަނުގެ ސަރުކާރުން އދގެ ޢާންމު މަޖިލީހުގައި ވަނީ އިންޒާރުދީފައެވެ.
އެންމެ ފަހުގެ ކުރިމަތިލުންތަކާ ގުޅިގެން ސެޕްޓެންބަރު މަހުން ފެށިގެން 230،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމުގައި އދގެ ރެފިއުޖީ އޭޖެންސީން ބުނެއެވެ. މިއާއެކު، ޔަމަނުގައި ގެދޮރު ގެއްލިފައިވާ މީހުންގެ ޢަދަދު 5.2 މިލިޔަނަށް އަރައެވެ. މި މީހުން ނިކުތް ސަރަޙައްދުތަކުގެ ތެރޭގައި ޙުދައިދާއާއި ތަޢިއްޒު ހިމެނެއެވެ. މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ކާބޯތަކެއްޗާއި ބޯހިޔާވަހިކަމާއި ބޯފެނުގެ އިތުރުން ޞިއްޙީ ފަރުވާ ކަމަށް ވެސް އދގެ އިދާރާއިން ބުނެއެވެ.