އަމީނީ މަގަކީ މާލޭގެ ކާރޫބާރޫ ބޮޑު މަގެކެވެ. ޒަމާނީ ފެންވަރަށް މަގު ތަރައްޤީކޮށް ހުޅުވާލިތާ ގިނަ ދުވަސްތަކެއް ނުވަނީސް މަގުގެ ތާރުގަނޑު ހަލާކުވެ އެކަމުގެ ޝަކުވާ ބޮޑުވިއެވެ. ސަރުކާރުން މިހާރުދަނީ އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް އަލުން ކުރަމުންނެވެ.
އަމީނީ މަގުގެ ތާރު ހަލާކުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުކުރިމަތީ އޮންނަ ޕާކު ސަރަޙައްދުން ފެށިގެން ޣިޔާސުއްދިން ސްކޫލް ހިމެނޭ ސަރަޙައްދާ ދެމެދުގައެވެ. ތާރުގަނޑު އުފުލުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމުގެ ފުރުސަތު ބޮޑުވުމާއި ގުޅިގެން އަލުން ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ފެށީ ޖޫން މަހުގެ ތެރޭގައެވެ. ދެފިޔަވައްސަކަށް ބަހާލައިގެން ތާރުއެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ދަރުމަވަންތަ ކައިރީ އޮންނަ ޕާކު ކައިރިން ފެށިގެން ޢިއްޒުއްދީން މަގު ހިމެނޭ ސަރަޙައްދުގައި ތާރުއަޅާވަނީ ނިންމާލާފައެވެ.
ދެވަނަ ފިޔަވހީގެ ދަށުން ޢިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް މަސައްކަތް ފަށާފައިވާއިރު އެސަރަޙައްދުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކި ބައިބަޔަށް ބަހާލައިގެން ޓްރެފިކް ފްލޯއަށް ދަތިނުވާގޮތަށެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީން ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ދަށުން ފުރަތަމަ މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ އަޑު ކުރިމަތީ ހަތަރު އަނގޮޅި އެކަނި ބަންދުކޮށްގެންކަމަށެވެ. އެއަށްފަހު އަމީނީ މަގުގައި ފުރަތަމަ ތާރުއަޅައިގެން އަލުން ތަރައްޤީކުރި ސަރަޙައްދާއި ޢިއްޒުއްދީން މަގު އަދި އަޑުކުރިމަތީ ހިމެނޭ ހަތަރު އަނގޮޅިއާއެކު އާންމުންނަށް ހުޅުވާލުމަށްފަހު ބާކީ އޮތް ސަރަޙައްދު ބައިބަޔަށް ބަހާލައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
އެމްޓީސީސީން ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ މާފަންނު ސަރަޙައްދުން އަމީނީ މަގާއި އިއްޒުއްދީން މަގު އާންމުންނަށް ހުޅުވާލުމަށްފަހުކަމަށެވެ.
އެތައް ހާސްބަޔަކު ކޮންމެ ދުވަހަކުވެސް ބޭނުންކުރާ މާލޭގެ މަގުތަކުގެ ހާލަތާ މެދު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އޮންނަތާ އެތައް ދުވަހެއްވަނީ ވެފައެވެ. ގައު ނަގައިގެން މަގު އެއްވަރުކުރުން ފިޔަވާ ބޮޑެތި މަރާމާތުތަކެއް މަގުތަކަށް އައިސްފައެއް ނުވެއެވެ. ސަރުކާރުން މިހާރުވަނީ ބޮޑުތަކުރުފާނު މަގު ނުވަތަ މާލޭ ރިންގް ރޯޑްގެ މަސައްކަތް ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. އެމަޝްރޫޢުގެ ދަށުން 3 ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ވެސްޓް ޕާކު ކައިރިން ބޮޑުތަކުރުފާނު މަގުގެ އެއްފަޅިވަނީ ބަންދުކޮށްފައެވެ. ހަމައެއާއެކު ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ސަރވޭގެ މަސައްކަތް ނިންމާ މިހާރު ޑިޒައިނިން މަރުހަލާގައި އަންނަނީ ކުރަމުންނެވެ.