ޚަބަރު

ހަނގުރާމަ ނިމުމަކަށް ގެންނަން އެމެރިކާއާއި އީރާނުގެ ހިޔާލު ތަފާތު


މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން އީރާންއާއި އެމެރިކާގެ ޚިޔާލު ވަރަށް ތަފާތުވި ނަމަވެސް، ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށް އީރާނުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވެފައި ވަނީ އީރާނުން އެމެރިކާގެ ފިއްތުންތަކަށް ނުލެނބޭނެ ކަމަށް އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން އދގެ އާންމު މަޖިލީހުގައި ވިދާޅުވެފައި ވަނިކޮށެވެ.

އޭގެ ކުރިން ހަމަ އެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެ ޤައުމުގެ ދެމެދުގައި ޞުލްޙަވެރި އެއްބަސްވުމެއް ޤާއިމް ނުކުރެވޭ ނަމަ އެމެރިކާއިން އީރާން ނައްތާލާނެ ކަމަށް އިންޒާރު ދެއްވާފައެވެ.

އދގައި ވާހަކަ ދައްކަވަމުން ޕީޒިޝްކިޔާން ވަނީ އެމެރިކާގެ ރައީސްގެ ވިސްނުންފުޅު ހުރީ ގަނާ ކުރާ އުސޫލަށް ޢަމަލުކުރުމަށް ކަމަށެވެ. އެ ކަން ކުށްވެރި ކުރައްވައި އޭނާ ވިދާޅުވީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އީރާނުގެ އުޅަނދު ފަހަރަށް ދަތުރުކުރެވޭ އިރު އެ ކަނޑުއޮޅި ބޭނުންކޮށް، އެހެން ހުރިހާ ބަޔަކަށް ފައިދާ ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހުރްމުޒް ކަނޑުއޮޅީގައި ދާއިމީ ގޮތަކަށް ބޭރުގެ އަސްކަރިއްޔާތައް ޙަރަކާތްތެރިވުމާއި ހަނގުރާމަ އިތުރަށް ފުޅާ ކުރުމަކީ ޞުލްޙަ ޤާއިމް ކުރުމަށް އޮތް މަގު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މޭރުމުން ޕީޒިޝްކިޔާން ވާހަކަ ދައްކަވާފައި މި ވަނީ ގިނަ ދުވަސްތަކަކަށް ފަހު އެމެރިކާއާއި އީރާނާ ދެމެދު ނުސީދާ މަޝްވަރާތަކެއް ބާއްވާފައި ވަނިކޮށެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީއާއި އެމެރިކާގެ ޚާއްޞަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖާރެޑް ކުޝްނާއާ ދެމެދު އެ މަޝްވަރާތައް ބާއްވާފަައި ވަނީ މެދިވެރިއަކާ އެކުގައެވެ. އީރާނުގެ އިސް ފަރާތަކުން ވިދާޅުވީ އީރާނުން ހުށަހަޅާފައިވާ ޞުލްޙައިގެ ހުށަހެޅުންތަކާ ގުޅޭ ގޮތުން އެމެރިކާއިން ދީފައިވާ ޖަވާބު އެ ޤައުމުން ދިރާސާ ކުރަމުންދާ ކަމަށެވެ. އީރަނުން އިސްކަން ދެނީ އެމެރިކާއިން އީރާނުގެ އުޅަނދުފަހަރު ލަފާ ފުރުމަށް ދަތިކުރަމުންދާ ދަތިކުރުން ނިމުމަކަށް ގެނައުމަށް ކަމަށާއި ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.