އިންގްލަންޑާއި ސްރީލަންކާގެ މެދުގައި މިހާރު ކުޅެމުންދާ ޓީ ޓުވެންޓީ ކްރިކެޓް ބައިނަލްއަޤްވާމީ ސިރީޒްގެ ދެވަނަ މެޗު އިންގްލަންޑުން ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފިއެވެ.
ކާޑިފްގެ ސޯފިއާ ގާޑަންގައި ކުޅުނު މިމެޗު އިންގްލަންޑުން ކާމިޔާބު ކޮށްފައިވަނީ 6 ވިކެޓުންނެވެ. މިއާއެކު އިންގްލަންޑުން މިވަނީ މިސީރީޒްގައި މިހާތަނަށް ކުޅުނު 2 މެޗުވެސް ކާމިޔާބު ކޮށްފައެވެ. މިމެޗުގެ ޓޮސް ދިމާވުމުން އިންގްލަންޑުން ނިންމީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. އެހެން ކަމުން ސްރީލަންކާއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 145 ލަނޑެވެ. ސްރީލަންކާ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 37 ލަނޑު ހެދި ޕަތުމް ނިސާންކައެވެ. މީގެއިތުރުން ކެޕްޓަން ޗަރިތު އަސަލަންކާ 31 ލަނޑު ހަދައިދިންއިރު ވަނިންދު ހަސަރަންގަވަނީ 27 ލަނޑު ހަދައިދީފައެވެ. މިއީނިންގްސްގައި އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ 4 އޯވަރު 32 ލަނޑަށް 3 ވިކެޓް ނަގައިދިން ލިއަމް ޑޯސަންއެވެ. މީގެއިތުރުން ޖޮފްރާ އާޗަރ އާއި ޖެމީ އޯވަރޓަންވަނީ ކޮންމެ ކުޅުންތެރިޔަކު 2 ވިކެޓް ނަގައިދީފައެވެ.
ޖަވާބުގައި އިންގްލަންޑުން ކުޅެން އަރާ 12 އޯވަރު އެއް ބޯޅައިން 4 ކުޅުންތެރިން ނުބައިވެގެން 146 ލަނޑު ހަދާ މެޗު ކާމިޔާބު ކުރިއެވެ. އިންގްލަންޑު ޓީމަށް އެންމެ ރަނގަޅަށް މިމެޗުގައި ކުޅެފައިވަނީ ނުބައިނުވެ 52 ލަނޑު ހަދައިދިން ޓޮމް ބެންޓަންއެވެ. މީގެއިތުރުން މިމެޗުގައި ޖޮސް ބަޓްލަރ 30 ލަނޑު ހަދައިދިން އިރު ކެޕްޓަން ހެރީ ބްރޫކްވަނީ 23 ލަނޑު ހަދައިދީފައެވެ. މިއީނިންގްސްގައި ސްރީ ލަންކާ ޓީމަށް އެންމެ ރަނގަަޅަށް އުކާފައިވަނީ 2 އޯވަރު 25 ލަނޑަށް އެއް ވިކެޓް ނަގައިދިން ތަރިންޑޫ ރަތުނާޔަކައެވެ. މީގެއިތުރުން ދުޝްމަންތާ ޗަމީރާ އާއި އިޝާން މަލިންގާ އަދި ވަނިންޑޫ ހަސަރަންގަވެސް ވަނީ އެއް ވިކެޓް ނަގާފައެވެ.
އިންގްލަންޑާއި ސްރީލަންކާގެ މެދުގައި ކުޅޭ ޓީ ޓުވެންޓީގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޮނިހިރު ދުވަހު އޯލްޑް ޓްރެފަޑްގައެވެ. އަދި އޭގެ ފަހުން އެއް ދުވަހުގެ ބައިނަލްއަޤްވާމީ ތިން މެޗުވެސް މިދެޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވެއެވެ.