އިންގްލިޝް ޕްރިމިއަރ ލީގުގެ ބޯންމަތުގެ ތާރީޚުގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުނު ފުރަތަަމަ މެޗުން މޮޅުވެ ޔުއޭފާ ޔޫރޮޕާ ލީގުގެ ފެށުން އެޓީމުން ރަނގަޅު ކޮށްފިއެވެ.
ޔޫއޮޕާ ލީގުގައި ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އާއި ބައްދަލުކުރި މެޗު ބޯންމަތުން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު އެއް ލަނޑުންނެވެ. ސޮސިއެޑާޑްގެ އެސްޓާޑިއޯ މުނިސިޕަލް ޑި އެނޮއެޓާގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ސޮސިއެޑާޑް އިން އުފެއްދި ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވެފައިވަނީ ބޯންމަތެއެވެ. މިގޮތުން ވަރަށް ފޯރީގައި ބޯންމަތުން ފެށި މިމެޗުގެ 11 ވަނަ މިނެޓުގައި އެޓީމުންވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ބޯންމަތަށް މިތާރީޚީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޖަސްޓިން ކްލައިވަރޓްއެވެ. މިލަނޑު އެންމެ ފުރަތަމަ އޮފް ސައިޑް ކަމަށް ދެއްކި ނަމަވެސް ވީއޭއާރުން ދެ މިނެޓް ވަންދެން ބެލުމަށްފަހުވަނީ އެޑްރިއަން ޓްރަފަރޓް ބޯޅަ ހުރަސް ކުރިއިރު ކްލައިވަރޓް އޮފް ސައިޑް ނުވާކަމަށް ނިންމާފައެވެ. އަދި މިލަނޑު ޖެހިތާ 9 މިނެޓް ފަހުން ބޯންމަތަށް އެޓީމުގެ ލީޑު ފުޅާކޮށްދިނީ ރަޔަންއެވެ.
މިލަނޑާއެކު ސޮސިއެޑާޑްއަށް ހައިރާންކަން ލިބިގެންދިޔަ ނަމަވެސް ބޯންމަތުން ހިތްވަރު އެލުވާނުލައި އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަތަން ފެނިގެންދިޔައެވެ. މިގޮތުން އެވަނީލްސަން ތިންވަނަ ލަނޑެއް ޖެހުމާއި ވަރަށް ގާތަށް ދިޔަ ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. މިމެޗުގެ ދެވަނަ ޙާފުގައި ސޮސިއެޑާޑް އިން އާހިތްވަރަކާއެކު ލަނޑެއް ޖެހޭތޯ މަސައްކަތް ކުުރުމުގެ ނަތީޖާ އަކަށް ވީ، މެޗުގެ 57 ވަނަ މިނެޓްގައި ސަރޖިއޯ ގޯމޭޒް ޖަހައިދިން ލަނޑުން ދެޓީމުގެ މެދުގައިވާ ފަރަގު ކުޑަވުމެވެ. އަދި މިއާއެކު މެޗުގެ ފަހު 30 މިނެޓް ވީ ވަރަށް ވާދަވެރި ވަގުތު ކޮޅަކަށެވެ. ސޮސިއެޑާޑުން އިތުރު ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ބޯންމަތުގެ ޑިފެންސް މިމެޗުގައި އިތުރަށް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
ޔޫރޮޕާ ލީގުގައި ކުޅުނު އެހެން ބައެއް މެޗުތަކަށް ބަލާލާއިރު ކްރިސްޓަލް ޕެލަސް އާއި ލެޗް ޕޮޒްނާން ބައްދަލުކުރި މެޗު ޕެލަސްއިން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު ސުން ލަނޑުންނެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ޔެރެމީ ޕީނޯ އާއި ކްރިސް ރިޗަޑްސް، ޔޯގެން ސްޓްރާންޑް ލާސަން އަދި އެޑީ އެންކެޓިއާއެވެ. މިމެޗުގެ 87 ވަނަ މިނެޓުގައި ލެޗްގެ ރަޑޮސްލާވް މުރޯސްކީ އަށްވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފައެވެ. މިމެޗުގައި ލެޗްއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަން ފާހަގަ ކޮށްލެވެއެެވެ. މީގެއިތުރުން ޔޫނިއަން އެސްޖީ އާއި ޕްލެޒެން ބައްދަލުކުރި މެޗު ރަށުން ބޭރުގައި 3 ލަނޑު ސުން ލަނޑުން ޔޫނިއަން އެސްޖީ ކާމިޔާބު ކުރިއިރު ސެލްޓިކާއި ފެރެންސްވަރޯސް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 3 ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފެރެންސްވަރޯސްއެވެ.