ޖަމްޢިއްޔާތައް ކުރިއަރުވާ ބާރުވެރިކޮށް، ރާއްޖޭގެ ތަރައްޤީގައި ހިމެނޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން 13 ޖަމްޢިއްޔާއަކަށް 2.2 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ސަރުކާރުން ދެއްވައިފިއެވެ.
ފައިސާގެ އެހީ ބޭނުންވާ ޖަމްޢިއްޔާތަކަށް ހޯމް މިނިސްޓްރީން ހުލުވާލި ފުރުޞަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ސަތޭކަ އަށާވީސް ޖަމްޢިއްޔާއަކުން ޕްރޮޕޯސަލް ހުށައަޅާފައިވެއެވެ.
ޖަމްޢިއްޔާތަކުގެ ތަރައްޤީއަށް އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އުސޫލަށް ރިޔާއަތްކޮށް، %95 އަށްވުރެ މަތިން މާކްސް ހޯދި 11 ދާއިރާއަކުން 13 ޖަމިއްޔާއަކަށް ސަރުކާރުން ވަނީ 2.2 މިލިއަން ރުފިޔާ ދެއްވާފައެވެ. ކޮންމެ ޖަމްޢިއްޔާއަކަށް ސަތޭކަ ހާސް ރުފިޔާއާއި ދުއިސައްތަ ހާސް ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް ފައިސާ ދެއްވާފައިވެއެވެ.
މި ޖަމްޢިއްޔާތަކާއި ފައިސާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމެވެ. މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވދާޅުވީ، މިއީ ރައީސް ޔާމީން ޒުވާނުންނަށް ވެވަޑައިގެންނެވި ވަޢުދު ތަންފީޒްކުރައްވަމުން ގެންދަވާކަމުގެ ހެއްކެއްކަމަށެވެ. ކުލަބް ޖަމްޢިއްޔާ ޖަމާއަތްތައް އަމިއްލަ ފައިމަޗަށް ތެދުވުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޢަބްދުﷲ ޔާމީން އިސްކަމެއް ދެއްވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14784920154581.jpg|ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ޕީއެސްއެމް
މި ފައިސާގެ އެހީއަކީ، ރަށުފެންވަރުގައާއި އަތޮޅު ފެންވަރުގަ އަދި ޤައުމީ ފެންވަރުގައި ޖަމްޢިއްޔާތައް މަސައްކަތްކޮށް، ވަސީލަތްތައް ހޯދާ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޔޫތު މިނިސްޓްރީން ވޭތުވެދިޔަ ތިން އަހަރު ކްލަބް ޖަމިޢިއްޔާތަކުން ހިންގި އެކި ޕްރޮގްރާމްތަކާއި ކުޅިވަރުގެ ހަރަކާތްތަކަށް 2.1 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށާއި، ކައުންސިލްތަކުން ހިންގި ޕްރޮގްރާމްތަކަށް 2 މިލިއަން ރުފިޔާ ޚަރަދުކުރެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
img:http://s2.psmnews.mv/images/660x400/14784921165717.jpg|ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ޕީއެސްއެމް
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ގިނަ ޖަމްޢިއްޔާތަކަކީ އެކިއެކި ސަބަބުތަކަށްޓަކައި ހަރަކާތްތެރިވާން ދަތި ޖަމްޢިއްޔާތަކެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ ސަރުކާރުގެ ވަސީލަތްތައް ލިބެންހުރި މިންވަރަކުން ޖަމްޢިއްޔާތައް ބާރުވެރިކޮށް އިޖުތިމާޢީ ގޮތުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ޖަމްޢިއްޔާތަކަށް ފައިސާގެ އެހީދިނުމަށް ރައީސް ނިންމެވި ނިންމެވުމެއްކަމަށް ވިދާޅުވިއެވެ. މިކަމުގެ ބޭނުމަކީ އެ ޖަމްޢިއްޔާތައް ނިސްބަތްވާ ރަށްރަށާއި، އަތޮޅުތައް އަދި ސިޓީތައް އިޖްތިމާޢީ މުހިންމު ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ބައިވެރިންގެ ގޮތުގައި ހަރްކާތްތެރިވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހޯމް މިނިސްޓަރ ވިދާޅުވީ، މިފަހަރު ޕްރޮޕޯސަލް ހުށައަޅައި ފައިސާގެ އެހީ ނުލިބުނު ޖަމްޢިއްޔާތަށް މާޔޫސްވިޔަ ނުދެއްވާނެކަމަށާއި، މިއީ ފެށުމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ޖަމްޢިއްޔާތަކުގެ މައްޗަށް ކުރުން ލާޒިމް ކަންތައްތަކެއްވެސް އެބަހުރިކަމަށެވެ. އެގޮތުން ހޯމް މިނިސްޓްރީގައި ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް އުފައްދާ ދޫކޮށްލުމަކުން ތަރައްޤީގައި ބައިވެރިވެ ފައިމައްޗަށް ތެދުވެ ޒިންމާ އަދާކުރެވުނީކަމަށް ނުވާނެކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.
ރާއްޖޭގައި ހަރަކާތްރިވާ ޖަމްޢިއްޔާތަކަށް ފައިސާ ދިނުމުގެ މަޤްޞަދަކީ ޖަމްޢިއްޔާތުގެ ތެރޭގައި ޤައުމީ ރޫހު އާލާކޮށް، އެ ޖަމްޢިއްޔާތަކަށް ލިބޭ ފައިސާއިން އިޤްތިޞާދީ އަދި އިޖްތިމާޢީ މަސައްތްކޮށް އެމަސައްކަތުން އިތުރު ފައިސާ ހޯދާ ޖަމިއްޔާތައް އަމިއްލަ ފައިމައްޗަށް ތެދުވުންކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.