ޚަބަރު

2030ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅޭނެ ޤައުމެއް ނުނިންމަން: ފީފާ


  • މޮރޮކޯ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ބުނީ ފައިނަލް މެޗު ކުޅޭނީ އެޤައުމުގައި ކަމަށް

2030 ވަނަ އަހަރު ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯ ގުޅިގެން ބާއްވާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅޭގެ ޤައުމެއް އަދި ނުނިންމާ ކަމުގައި ފީފާއިން ހާމަކޮށްފިއެވެ.

ފީފާއިން މިކަން ހާމަކޮށްފައިވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅޭނީ މޮރޮކޯގެ ބެންސްލިމާންގައި ކަމުގައި ރޯޔަލް މޮރޮކަން ފުޓުބޯލް ފެޑެރޭޝަންގެ ރައީސް ފައުޒީ ލެކްޖާ ދާދިފަހުން ހާމަކުރުމާއި ގުޅިގެންނެވެ. ފީފާއިން ބުނީ އެމުބާރާތުގެ ފައިނަލް މެޗު ކުޅޭނެ ޤައުމަކާއި ދަނޑެއް ނިންމާނީ ފަހުން ކަމަށެވެ.

މޮރޮކޯ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ފައުޒީ މިހެން ބުނެފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ސިޔާސީ ރެލީއެއްގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅޭނީ ބެންސްލިމާން ސިޓީގައި ކަމަށެވެ. އަދި އެކަމާއި ބަޔަކު ރުހުނަސް ނުވަތަ ނުރުހުނަސް އަދި އެކަމާއި ބަޔަކު ބަހުސް ކުރަން ބޭނުންވިޔަސް އެކަން އޮތީ އެގޮތަށް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ފައިނަލް މެޗު ކުޅޭނީ ބެންސްލިމާންގެ ހަސަން ދެވަނަ ސްޓޭޑިއަމްގައި ކަމަށާއި އެ ފައިނަލްގައި އެއް ކޮޅުން މޮރޮކޯ ވާދަކުރާނެކަމަށް އުންމީދު ކުރާކަމުގައި އޭނާ ބުނެފައިވެއެވެ.

ފީފާއިން މީގެކުރިންވަނީ އެޖަމްއިއްޔާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް މޮރޮކޯއިން ތާއީދު ކުރާނަމަ 2030 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗު މޮރޮކޯގައި ކުޅޭނެ ކަމަށް އޭނާ ވައުދުވެފައިވާކަމަށް އިނގިރޭސި މީޑިއާތަކުން ފަތުރަމުންދިޔަ ވާހަކަތައް ދޮގުކޮށްފައެވެ.

މޮރޮކޯ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްގެ މިވާހަކަތަކާއި ގުޅިގެން އެޤައުމުގެ ބޮޑުވަޒީރުގެ ފާޑުކިޔުންވެސް ވަނީ ފައުޒީއަށް އަމާޒުވެފައެވެ. މޮރޮކޯގެ ބޮޑު ވަޒީރު އަޒީޒު އަކަނޫޝް ވިދާޅުވީ 2030 ވަނަ އަހަރުގެ މުބާރާތުގައި އެޤައުމުގެ ބައިވެރިން ކަމަށްވާ ސްޕެއިން އާއި ޕޯޗުގަލް އާއި އެއްވެސް ވަރަކަށް މިކަމާއި ގުޅިގެން މަޝްވަރާވެސް ނުކުރެވެނީސް މިފަދަ ވާހަކަ ދައްކަން ނުވާނެކަމަށެވެ. އެހެން ފަރާތްތަކަށް އިހުތިރާމް ކުރުމަށްވެސް މޮރޮކޯގެ ބޮޑު ވަޒީރު އިލްތިމާސް ކުރެއްވިއެވެ. އަދި މިއީ ވަރަށް ބޮޑެތި ކަންތައްތައް ކަމަށާއި ފައިނަލް މެޗު ކުޅޭނެ ޤައުމެއް ނިންމުން މިއީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ބޮޑު ވަޒީރު ފާހަގަ ކުރެއްވިއެވެ.

މޮރޮކޯއިން އަލަށް ބިނާކުރާ ކިންގ ހަސަން ދެވަނަ ސްޓޭޑިއަމް އަކީ 115 ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ. އަދި މިހާރު މަސައްކަތް ފެށިފައިވާ މިސްޓޭޑިއަމްގެ މަސައްކަތް މިއަންނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް މޮރޮކޯއިން އަންނަނީ ބުނަމުންނެވެ. އެންމެ ފަހުން އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުނު ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި އެމެޗު ކުޅެން ނިންމިކަން ފީފާއިން ހާމަކޮށްފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެހެން ކަމުން 2030 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅޭނެ ދަނޑެއް ފީފާއިން ނިންމާނީ މުބާރާތާއި ތަންކޮޅެއް ގާތް ކޮށްފައިކަމަށް ބެލެވެއެވެ.