ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން މިމަހުގެ ތެރޭގައި ކަނޑުގެ އަސްކަރިއްޔާގެ މުޅިން އާ ދެ އުޅަނދު ސިފައިންގެ ޚިދުމަތުގައި ބޭނުންކުރައްވަން ފައްޓަވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ކޯސްޓްގާރޑް ބިލްޑިންގްގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑު ކަމަށްވުމާއެކު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތާއި ރައްކާތެރިކަމަށް އަސްކަރިއްޔާއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ވަޞީލަތްތައް ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސްރީލަންކާގެ ކުންފުންޏަކާ ޙަވާލުކޮށްގެން ކަނޑުގެ އަސްކަރިއްޔާއާ އަލަށް ގުޅޭ މުޅިން އާ 5 އުޅަނދެއް ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ފަސް އުޅަނދުގެ ތެރެއިން 2 އުޅަނދުގެ މަސައްކަތް ނިމިފައިވާކަމަށާއި، މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން މި ދެ އުޅަނދު ދިވެހިރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރަން ފެށޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންކުރާ ފިލީޓަށް ދެ އުޅަނދު އިތުރުވެގެން ދިއުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ސިފައިން ކުރާ މަސައްކަތްތަކަށް ލިބިގެންދާ ކުރިއެރުމެއް ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.