ތަޢުލީމު

ސަރުކާރުގެ ހިލޭ ޕްރީސްކޫލް ތަޢުލީމުގެ ވައުދު ހާޞިލުކުރައްވައިފި


ސަރުކާރުގެ އެއް ވަޢުދުކަމަށްވާ ހިލޭ ޕްރީސްކޫލްގެ ތަޢުލީމް ފޯރުވައިދިނުމުގެ ވައުދު ހާޞިލުކުރައްވައިފިއެވެ. 

މިކަން ފާހަގަކުރެއްވުމަށްޓަކައި މިރޭ ދަރުބާރުގޭގައި ޚާއްޞަ ހަފްލާއެއް ބޭއްވެވުމަށް ވަނީ ހަމަޖައްސަވާފައެވެ. ސަރުކާރުގެ ހިލޭ ޕްރީ ސްކޫލުގެ ތަޢުލީމް ފޯރުވައިދިނުމުގެ ވަޢުދުގެ ދަށުން، ސަރުކާރު ހުރިހާ ސްކޫލެއްގައި މިހާރު ޕްރީސްކޫލް ތަޢުލީމް ހިލޭ ފޯރުވައިދެއްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޕްރީ ސްކޫލް މަރުޙަލާއަކީ މަދުރަސީ ހަޔާތަށް ކުއްޖާ ވަންނަ އިރު ޕްރައިމަރީ ގްރޭޑަށް ދަރިވަރުން އަހުލުވެރިކޮށް ތައްޔާރުކުރުމުގެ މަރުޙަލާއެވެ. މި ދެ އަހަރު ދުވަހުގެ ތަޢުލީމް ބެހިގެންވަނީ އެލްކޭޖީ އަދި ޔޫކެޖީގެ މައްޗަށެވެ. އަދި މި މަރުޙަލާގައި ތަޢުލީމް އުނގަންނައިދެނީ އުމުރުން ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ކުދިންނަށެވެ. ވޭތުވެދިޔަ ތަނުގައި ދިވެހި ރާއްޖޭގައި ޕްރީސްކޫލް ތަޢުލީމް ފޯރުވައިދީފައިވަނީ ތަޢުލީމްގެ ނިޒާމުގެ ބޭރުން އަމިއްލަ ފަރާތްތަކުންނެވެ.

އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 2015 ވަނަ އަހަރު ޕްރީސްކޫލް ތަޢުލީމް ހިލޭ ފޯރުވައި ދެއްވުމަށް ކަނޑައެޅުއްވުމާއި ގުޅިގެން މިދިޔަ އަހަރުން ފެށިގެން މާލެސިޓީ އާއި އައްޑޫ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޤާއިމްވެފައިވާ ސަރުކާރުގެ ސްކޫލްތަކުން ޕްރީ ސްކޫލް ތަޢުލީމް ފޯރުވައިދޭން ވަނީ ފަށްޓަވާފައެވެ.  

އެގޮތުން ޕްރީސްކޫލް މަރުޙަލާއަށް ބޭނުންވާ ޓީޗަރުން ތަމްރީނު ކުރެއްވުމާއި، ޓީޗަރުން ބޭނުންވެފައި ތިބި ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ޓީޗަރުން ހަމަޖައްސަވައި، ބޭނުންވާ ތަމްރީންތައް ފޯރުވައިދެއްވަމުންނެވެ.