ޚަބަރު

އިންތިޚާބުގައި 3000 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެ


އަންނަ އަހަރު ބާއްވަވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރަށްރަށާއި، ރާއްޖެއިން ބޭރުގައާއި ސިނާއީ ސަރަހައްދުތައް ހިމެނޭ ގޮތުން 470 ވޯޓު ފޮށި ބެހެއްޓެވުމަށް ވަނީ ހަމަޖައްސަވާފައެވެ. ވޯޓު ފޮށިތައް ބަހައްޓަވާ ސަރަހައްދުތަކުގައި ތިންހާހަށް ވުރެ ގިނަ ފުލުހުން ސަލާމަތީ ކަންކަން ބެލެއްހެއްޓުމުގައި ހަރަކާތްތެރިވާނެކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. 

މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ސޮއިކުރެއްވި އެއްބަސްވުމަކީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ޤާނޫނީ ގޮތުންނާއި ސަލާމަތީ ގޮތުން އިލެކްޝަންސް ކޮމިޝަނުން އަދާކުރަންޖެހިވަޑާއިގަންނަވާ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެއްވުމުގައި އެހީތެރިވެވަޑައިގަތުމަށް ސޮއިކުރެއްވި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަޙްމަދު ސުލައިމާންއެވެ. 

img:http://s3.psmnews.mv/images/660x400/14779891003036.jpg|ލޯކަލް ކައުންސިލު އިންތިޚާބުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިލެކްޝަންސްއާއި ޕޮލިހާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަމްޖަދު މުސްޠަފާ ވިދާޅުވީ، ސޮއިކުރެއްވި އެއްބަސްވުމުގެ ސަބަބުން އިންތިޚާބަށް ހުރަސްއެޅޭ ޢަމަލުތަކާއި، އިންތިޚާބުގެ ކުރިންނާއި، އިންތިޚާބު ހިނގަމުންދާއިރު ހިނގާފާނެ ނޭދެވޭ ކަންކަމަށް ހައްލެއް ލިބިގެންދާނެކަމަށް ޤަބޫލްކުރައްވާކަމަށެވެ. އަދި ކުރީ އިންތިޚާބުތަކަށްވުރެ އަމާން ސުލްހަވެރި އިންތިޚާބެއް ފުލުހުންގެ އެހީތެރިކަމާއެކު ބޭއްވޭނެކަމަށް ޔަޤީންކުރައްވާކަމަށް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ އޮޕަރޭޝަންސް ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ފޮށިތައް ބެހެއްޓޭ ރަށްރަށާއި ތަންތަން ކަނޑައަޅާ އެތަންތަނަށް ފުލުހުން ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ވިދާޅުވިއެވެ. އިންތިޚާބަށް ޚާއްސަކޮށް ދެމަސްދުވަހުގެ ތަމްރީންތަކެއް ފުލުހުން ފުރިހަމަކޮށްފައިވާކަމަށާއި، މުޅި ރާއްޖެ ކަވަރ ކުރެވޭނެގޮތަށް ޕޮލިސް ފޯސް ބަހާލާފައިވާކަމަށް ހަމްދޫން ވިދާޅުވިއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.