ތަރައްްޤީ

3 އަހަރުތެރޭގައި އެއަރޕޯޓަށް 90 މިލިއަން ޑޮލަރު އިންވެސްޓްކޮށްފި


އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރައްވާ، ތަރައްޤީކުރެއްވުމަށް ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި 90 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން އިންވެސްޓް ކުރައްވާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ، އެއަރޕޯޓުގައި މިއަދު އަލަށް ތަޢާރަފުކުރެއްވި ބޮޑީ ސްކޭނަރ މެޝިންގެ ޚިދުމަތް ފެށްޓެވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގެ ތެރެއިން އެހެން އެއްވެސް ސަރުކާރަކުން އިންވެސްޓް ނުކުރާ މިންވަރަށް މި ސަރުކާރުގެ އެއަރޕޯޓުގެ ތަރައްޤީއަށް އިންވެސްޓްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތްތަކަށް އެކަނިވެސް ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި 90 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ޚަރަދުކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތާރީޚުގައިވެސް އެއަރޕޯޓެއް ތަރައްޤީކުރުމަށް ހިންގަވާ އެންމެ ބިޔަ މަޝްރޫޢު ހިންގަވަމުން ގެންދަވަނީ އަދުގެ ސަރުކާރުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14633934480206.jpg|އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އެއަރޕޯޓުގެ ހިންގުން އިންޑިއާގެ ޖީ.އެމް.އާރު ކުންފުންޏާއި ހަވާލުކުރެއްވި ހަވާލުކުރެއްވުމަށް އިޝާރާތްކުރައްވާ މިނިސްޓަރ ސަޢީދު ވިދާޅުވީ، އެކަމުގެ ސަބަބުން އެއަރޕޯޓަށް ލިބުނު އެއްވެސް ތަރައްޤީއެއް ފެންނަން ނެތްކަމަށެވެ. އަދި އެކުންފުނިން ގެންގުޅު ޕްލޭނާއި އެއްގޮތަށް އެއަރޕޯޓް ތަރައްޤީކުރުމަށް ދޫކޮށްލިނަމަ ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވީ، އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މާސްޓަރ ޕްލޭނާއެކު، އިތުރު 3000 ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެކަމަށެވެ. އަދި މި މަޝްރޫޢަކީ ދިވެހި ރައްޔިތުންގެ ފުދުންތެރިކަމާއި ގުޅިފައިވާ ވަރަށްވެސް އުއްމީދީ މަޝްރޫޢެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން އެކުލަވާލައްވާފައިވާ މާސްޓަރ ޕްލޭންގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި، އާ ރަންވޭއެއް އެޅުމާއި، ފިއުލް ފާމެއް ތަރައްޤީކުރުން އަދި ޑޮމެސްޓިކް ޓަރމިނަލާއި، އިންޓަރނޭޝަނަލް ޓަރމިނަލް ތަރައްޤީކުރުން ހިމެނެއެވެ. ގާތްގަނޑަކަށް 800 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރައްވައިގެން ސަރުކާރުން ކުރިއަށްގެންދަވާ މި ބިޔަ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއްކަމަށްވާ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕާއެވެ.