ޚަބަރު

ޖީއެމްއާރަށް ދޭންޖެހެނީ 250 މިލިއަން ޑޮލަރު


ދިވެހި ސަރުކާރުން ޖީ.އެމް.އާރު ކުންފުންޏަށް ދޭން ޖެހޭނީ 250 މިލިއަން ޑޮލަރ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކަނޑައަޅައިފިއެވެ. މިގޮތަށް ކަނޑައަޅާފައިވަނީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ކުއްޔަށް ދިނުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއެކު ވެވުނު އެއްބަސްވުން ދިވެހި ސަރުކާރުން ނިމުމަކަށް ގެންނެވުމާ ގުޅިގެން ޖީއެމްއާރު ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދުމަށް އެކުންފުނިން ދައުވާކޮށްފައިވަނިކޮށެވެ. 

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ދިވެހި ދައުލަތަށް ގެއްލުންވާގޮތަށް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުން، އަދި އެގްރީމެންޓް ނިމުމަކަށް ގެންނަވާފައިވަނީ ރައީސް ވަޙީދުގެ ސަރުކާރުންނެވެ. މި އެގްރީމެންޓް ނިމުމަކަށް ގެންނެވުމަށް ނިންމެވި ނިންމެވުމަށް ރައީސް ޔާމީންގެ ސަރުކާރުންވެސް ވަނީ ތާއީދުކުރައްވާފައެވެ.

އިބްރާޙީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށްދެއްވުމަށް ރައީސް ނަޝީދުގެ ސަރުކާރުން ނިންމެވި ނިންމެވުން ނިމުމަކަށް ގެންނެވުމަށް ދިވެހި ސަރުކާރުން ނިންމަވާފައިވަނީ އެ އެއްބަސްވުމަކީ އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ޖީ.އެމް.އާރަށް ބުރަވާގޮތަށް އަދި ދިވެހި ސަރުކާރާއި އެމް.އޭ.ސީ.އެލްގެ ޙައްޤުތަކާއި މަސްލަޙަތުތަކަށް އިންތިހާއަށް ގެންލުންވާގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމަކަށްވާތީކަމަށެވެ. އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ 28 ޖޫން 2010 ގައި، އަދި އެ އެގްރީމެންޓް ނިމުމަކަށް ގެންނަވާފައިވަނީ 27 ނޮވެމްބަރު 2012 ގައެވެ.

މިކަމާގުޅިގެން އިންޑިއާގެ ޖީއެމްއާރު ކުންފުނިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށައެޅި މައްސަލައިގައި ވަނީ އެކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލުކުރުމާ ގުޅިގެން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯއްދަވައިދެއްވުމަށެވެ. އެހެންނަމަވެސް އާބިޓްރޭޝަނުން ނިންމަވާފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 208 މިލިއަން ޑޮލަރާއި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އަރާފައިވާ އިންޓްރެސްޓްގެ ފައިސާ ދެއްކުމަށެވެ. މިއާއެކު ދިވެހި ސަރުކާރުން ޖީއެމްއާރް އަށް ދޭންޖެހޭކަމަށް އާބިޓްރޭޝަނުން ކަނޑައަޅާފައިވަނީ 250 މިލިއަން ޑޮލަރެވެ. މިއީ އެކުންފުނިން ހުށައެޅި އަގަށްވުރެ 82 އިންސައްތަ ދަށް އަދަދެކެވެ.

ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމެވި ނިންމެވުމާ ގުޅޭގޮތުން މީޑިއާގައި ވާހަކަފުޅުދައްކަވަމުން ދައުލަތުގެ ބަނޑާރަ ނައިބު އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވީ، އާބިޓްރޭޝަނުން ކަނޑައަޅާފައިވާ ފައިސާ ޖީއެމްއާރަށް ދިނުމާ ގުޅޭގޮތުން އެކުންފުންޏާއެކު ސަރުކާރުން މަޝްވަރާ ކުރައްވަމުންގެންދަވާކަމަށެވެ. އެގޮތުން މި ޢަދަދަކީ ދިވެހި ސަރުކާރުން ޖީ.އެމް.އާރަށް ދޭންޖެހޭނެކަމަށް ކުރިންވެސް އަންދާޒާކުރި އަދަދާ ގާތްކުރާ ޢަދަދެއްކަމަށް ބަނޑާރަ ނައިބު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މެނޭޖިންގް ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، ޖީއެމްއާރ ކުންފުންޏަށް ބަދަލެއް ދޭން ޖެހުނުނަމަވެސް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ކުއްޔަށްދެއްވަން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަކީ ދައުލަތަށް ހުރިހާގޮތަކުންވެސް ފައިދާހުރި ނިންމެވުމެއްކަމަށެވެ. އެގޮތުން ޖީއެމް.އާރާ ހަވާލުކޮށްގެން އެއަރޕޯޓް ހިންގިއިރު އެއަރޕޯޓްސް ކޮންޕެނީގެ މާލީ ޙާލަތު ދަށަށްގޮސް އެއަރޕޯޓުން ލިބެމުންއައި އާމްދަނީ އެތައްތަނެއް ދައްވެފައިވާކަމަށެވެ. އަދި ޖީ.އެމް.އާރާއެކު ހަދާފައިވާ އެގްރީމެންޓް ބާޠިލުކޮށް އެމް.އޭ.ސީ.އެލް އިން އެއަރޕޯޓް ހިންގަންފެށި ފުރަތަމަ އަހަރުވެސް 1.1 ބިލިއަން ރުފިޔާގެ ފައިދާއެއް އެއަރޕޯޓަށް ލިބިފައިވާކަމަށެވެ.

ޖީ.އެމް.އާރުން އެއަޕޯޓް ތަރައްޤީކުރުމަށް ގެންގުޅުނު ޕްލޭންގައި ޓެކްނިކަލް ބައިވަރު މައްސަލަތަކެއް ހުރި ކަމަށާޢި، ޖީއެމްއާރާ ހަވާލުކޮށްގެން އެކުންފުނީގެ ޕްލޭނާ އެއްގޮތަށް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްގެންދެވިނަމަ ދިގުމުއްދަތުގައި އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަގު އެއްކޮށް ބަންދުވެގެންދާނެކަމަށް އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކަންޖެހޭނީ 250 މިލިއަން ޑޮލަރުކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނަނުން ކަނޑައެޅުއްވުމުގެ ކުރިން އިދިކޮޅު ފަރާތްތަކުން މިމައްސަލައިގައި ދިވެހި ސަރުކާރު 800 މިލިއަން ޑޮލަރަށްވުރެ މަދުނޫން ޢަދަދަކުން ޖޫރިމަނާކުރާނެކަމަށް ބުނަމުން ދިޔަކަމަށް ދައުލަތުގެ ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގެވުމާ ދިވެހި ސަރުކާރުން ހަވާލުކުރެއްވިފަހުން ދިވެހި ސަރުކާރުން ވަނީ އެއަރޕޯޓް ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭނެއް އިޢުލާނުކުރައްވައި އެކަމުގެ ޢަމަލީ މަސައްކަތް ފައްޓަވާފައެވެ. އަދި އަހަރުން އަހަރަށް އެއަރޕޯޓުން ލިބޭ ޢާމްދަނީ އިތުރުވަމުން އަންނަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ އިޤްތިސާދީ މައި ދޮރޯށި ބޭރުބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ދިވެހިން ބޭނުންވާގޮތަކަށް ކަންތައްތައް ގެންދިއުމުގެ ބާރު ނޯންނާނެކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.