ޚަބަރު

"ސަރުކާރާއެކު މަސައްކަތްކުރާނެ ކެނޑިޑޭޓުން އިންތިޚާބުކުރަންޖެހޭ"


ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ސަރުކާރާއެކު މަސައްކަތްކޮށްގެން ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދެވޭވަރުގެ ކެނޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ ކުރިނބީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކިތަންމެ ބޮޑު މަޝްރޫޢެއްވެސް ސިޔާސީ ފިކުރުގެ ތަފާތާހެދި ރައްޔިތުން ބޭނުންވާގޮތަށް އެކަން ފުދިގެން ނުދާތަން ފެނިގެން ގޮސްފައިވާކަމަށެވެ. އަދި ފިކުރު ތަފާތުގެ ސަބަބުން ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ފުދިގެންނުދިޔަ ކިތަންމެ ހާލަތެއް މާޒީގެ ތެރެއިން ފެނިގެން ގޮސްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ ވާހަކަފުޅުފައި، ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ފުދުންތެރިކަން ގެނެސްދެވޭނީ ރައްޔިތުން ތަމްސީލްކުރަންތިބޭ ކައުންސިލަރުންގެ ފަރާތުން އެއްބާރުލުންދީގެންކަމަށް ވިދާޅުވެ، އެފަދަ ކެނޑިޑޭޓުން ކައުންސިލް އިންތިޚާބުގައި ހޮވުމަށް ރައީސް ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ވާހަކަފުޅުގައި  ބޮޑެތި ޖިނާއީ ކުށްތަކަށް އަރައިގަންނަ ތަން މާޒީގެ ތެރެއިން ފެނިގެން ގޮސްފައިވާކަމަށާއި، ނަމަވެސް މި ސަރުކާރުން ކުރި މަސައްކަތަކީ ތަރައްޤީއާއެކު ރައްޔިތުންނަށް ހަމަޖެހުން ގެނެސްދިނުންކަން ރައީސް ފާހަގަކުރެއްވިއެވެ. މިސަރުކާރުގެ ވިސްނުމަކީ މާއްދީ ތަރައްޤީ ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންގޮސް މާނަވީ ބޭނުންހިފޭ ދިރިއުޅުމުގެ ފޭރާން ހެޔޮ މުޖުތަމަޢުއެއް ތަރައްޤީއާއެކު ގެނެސްދިނުންކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ، ސިޔާސީ ފަރާތްތަކުން އަބަދުވެސް ދައްކަމުންދާ ވާހަކައަކީ، ސަރުކާރު ވައްޓާލުމާއި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ވާހަކަ ކަމަށެވެ. ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވާހަކަ ދައްކާ މީހުންނަކީ ވޭތުވެދިޔަ ތިން އަހަރުވެސް ރައްޔިތުންގެ ތަރައްޤީއަށް ބަޖެޓަށް ވޯޓުވެސް ނުދެއްވާ ބޭފުޅުންކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ރައީސް ފާޑުވިދާޅުވިއެވެ.