ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު އިމިޤްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިލަފުށީގައި ކުރިއަށްދިޔަ ރެއިޑް އޮޕަރޭޝަނެއްގައި 836 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މި ރެއިޑުގެ ތެރެއިން 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްގެނެސްފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން އަނބުރައި ގައުމަށް ފޮނުވާލުމަށް ހިންގި މި އޮޕަރޭޝަން އަމާޒުކުރީ ތިލަފުށީގެ ސިނާއީ ސަރަހައްދުތަކަށާއި، ވިޔަފާރިކުރާ ތަންތަނުގެ އިތުރުން މީހުން ދަތުރުފަތުރުކުރާ ސަރަހައްދުތަކަށެވެ. އެގޮތުން، ތިލަފުށީ ފެރީ ޓާމިނަލާއި، ސްޓެލްކޯ ޓީ-ޖެޓީ ސަރަހައްދާއި، އެ ރަށުގެ އެކި ސިނާއީ ޒޯންތައް ހިމެނޭހެން މުހިންމު ސަރަހައްދުތަކެއް ޖޮއިންޓް ޓީމުތަކުން ވަނީ ބަލައި ފާސްކޮށްފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން އިއްޔެ ތިލަފުށީގައި ވަނީ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. މި ރެއިޑުގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ… pic.twitter.com/z1Bl5wpHnb
— Maldives Immigration (@ImmigrationMV) July 12, 2026
ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސަބަބުތަކުގެ ތެރޭގައި، ވިސާގެ މުއްދަތު ހަމަވެފައިވުމާއި، ހުއްދަ ނެތް ތަންތަނުގައި މަސައްކަތްކުރުމާއި، ވިސާގެ ޝަރުތުތަކާ ހިލާފަށް އަމިއްލައަށް ވިޔަފާރިކޮށް އާމްދަނީ ހޯދުމުގެ އިތުރުން ވޯކް ޕާމިޓް ފީ ދައްކާފައި ނުވުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، މަސައްކަތްކުރާ ތަންތަނުން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބައެއް މީހުންނާއި، ތިލަފުށީގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ވެސް މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ތިލަފުއްޓަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާ ތަނެކެވެ. އިމިގްރޭޝަނުން ދަނީ ފުލުހުންނާ ގުޅިގެން ބިދޭސީން މަސައްކަތްކުރާ ތަންތަނަށް އަމާޒުކޮށް މިފަދަ ރެއިޑު އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މިމަހުގެ 6ވަނަ ދުވަހު ވަނީ ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ، މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށް، ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ.
މި ދައުރު ނިމޭއިރު ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓާ އެއް ޤައުމަށް ރާއްޖެ ވެގެންދާނެކަމަށްދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.