ޚަބަރު

އެމެރިކާއަށް އެހީނުވާތީ ޓްރަމްޕްގެ ފާޑުކިއުން ނޭޓޯއަށް


ވިލާތުގެ ދިފާޢީ އިއްތިޙާދު، ނޭޓޯއިން އެމެރިކާއަށް އެހީނުވާކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ އިއްތިޙާދަށް ފާޑުވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުގައި ބާއްވާ ނޭޓޯގެ މައި ސަމިޓުގެ ފުރަތަމަ ދުވަހުގެ ބައްދަލުވުންތަކަށްފަހު، ޓްރަމްޕް ވިދާޅުވީ ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު ޢުރުދުޣާނާއެކު އޮންނަ ގާތްގުޅުން ނެތްނަމަ، މި ސަމިޓުގައި ބައިވެރިވެސްވަޑައިނުގަންނަވާނެ ކަމަށެވެ.

ނޭޓޯ އާ މެދު ޓްރަމްޕްގެ ހިތްހަމަނުޖެހުން ބޮޑުވެފައިވަނީ، ޔަހޫދީންނާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި ޣައިރުޤާނޫނީ ހަނގުރާމައިގައި އަސްކަރީ ގޮތުން އެހީވާން ނޭޓޯގެ މެމްބަރު ޤައުމުތަކުން ދެކޮޅު ހެދުމުންނެވެ.

ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ނޭޓޯގެ މެމްބަރެއްގެ ގޮތުގައި އެތަކެއް ބިލިއަން ޑޮލަރެއް ހޭދަކުރާއިރު، އެމެރިކާއަށް ބޭނުންޖެހުނު ދަނޑިވަޅުގައި ނޭޓޯގެ އެހީތެރިކަން ނުލިބުނު ކަމަށެވެ.

ޓްރަމްޕާ މެދު ނޭޓޯގެ ޤައުމުތަކުން ހިތްހަމަނުޖެހުން ބޮޑުވެފައިވާ އަނެއް މައްސަލައަކީ ގްރީންލޭންޑު އެމެރިކާގެ ދަށަށް ގެންނަން ޓްރަމްޕް ކުރައްވާ މަސައްކަތެވެ.

އެ ވިސްނުން މިއަދުވެސް ތަކުރާރުކުރައްވަމުން، ޓްރަމްޕް ވިދާޅުވީ، ގްރީންލޭންޑް އޮންނަންޖެހޭނީ ޑެންމާކުގެ ބަދަލުގައި އެމެރިކާގެ ދަށުގައި ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ޓްރަމްޕް ބާރު އަޅުއްވައިގެން، ނޭޓޯގެ ދިފާޢީ ނިޒާމަށް ކުރާ ހޭދަ އިތުރުކުރުން މި ސަމިޓުގެ އެޖެންޑާގައި ވަނީ ހިމަނައިފައެވެ.

ނަމަވެސް، އުފެއްދުންތެރިކަމުގެ ނިސްބަތުން 3.5 އިންސައްތަ އަންނަ އަހަރު އެކަމަށް ހޭދަކުރުމަށް ކަނޑައަޅާފައިވާ އަމާޒު ޙާޞިލްވާނެކަމަށް ބެލެވެނީ ނޭޓޯގެ އެންމެ 5 ޤައުމަކުންނެވެ.

މި ސަމިޓުގެ ތެރެއިން، ރަޝިޔާ އާއި ޔޫކްރޭނުން ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭނުގެ ދިފާޢީ ނިޒާމު ވަރުގަދަކުރަން ނޭޓޯގެ ޤައުމުތަކުން ދޭ މާލީ އެހީ އިތުރުކުރާނެކަމަށް ވެސް ބެލެވެއެވެ.