ޒަކާތުގެ ނިޒާމު ބެލެހެއްޓުމާއި އިޖުތިމާޢީ ފައިދާއަށް ހިންގާ މަޝްރޫޢުތައް ކުރިއެރުވުމަށް މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ، މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ ގުޅިގެން، މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ މަތީ ފަންތީގެ ވަފުދަކާއެކު ބޭއްވި ބައްދަލުވުމުގައެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދެ ފަރާތުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، މުއައްސަސާގެ ތަރައްޤީއަށާއި މުވައްޒަފުންގެ ޤާބިލުކަން އިތުރު ކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރެވިދާނެ އައު ދާއިރާތައް ދެނެގަތުމަށް ކަމަށެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ސްޓްރެޓީޖިކް އެއްބާރުލުމާއި، ފަންނީ ތަރައްޤީ އަދި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ޒަކާތު ހައުސްގެ އިންސާނީ ވަސީލަތްތަކާއި މުއައްސަސާގެ ހިންގުން ހަރުދަނާ ކުރާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ޒަކާތުގެ ނިޒާމު ބެލެހެއްޓުމާއި، އިޖުތިމާޢީ ފައިދާއަށް ހިންގާ މަޝްރޫޢުތައް ކުރިއެރުވުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ޚިޔާލު ބަދަލު ކުރެވުނު ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
އެގޮތުން މުއައްސަސާގެ ފެންވަރު މަތިކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ޒަކާތުގެ ދާއިރާ ކުރިއެރުވުމަށް ދެ ފަރާތުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ނަތީޖާ ނެރެވޭނެ ފަދަ މަސައްކަތްތަކެއް ގުޅިގެން ކުރުމަށް އެއްބަސްވެފައިވެއެވެ.
އިންސިފް ޔުނިވަރސިޓީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ، އެ ޔުނިވަރސިޓީގެ ޑެޕިއުޓީ ޕްރެޒިޑެންޓް އޮފް އޮޕަރޭޝަންސް ޝަޒްމީރު މުޚްތާރާއި، ޑިރެކްޓަރ އޮފް ރެޖިސްޓްރާރސް އޮފީސް، ސްޓޫޑަންޓް އެކްސްޕީރިއަންސް އެންޑް އެލުމްނާއި ރިލޭޝަންސް ސިތީ ފަރީޒާ މުޙައްމަދު ދަޙްލާނެވެ.