ސިއްހަތު

ދަނބިދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް ހުޅުވައިފި


ލ. ދަނބިދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރެއްވި އައު ޢިމާރާތް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމް ހުޅުއްވައިދެއްވައިފިއެވެ.

ދަނބިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ހެލްތް މިނިސްޓަރ ހުޅުއްވައިދެއްވީ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދަނބިދުއަށް ވަޑައިގެނެވެ. ދަނބިދޫ ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެއްވި ބައިގައި، ލޭބަރ ރޫމަކާއި ފަސް އެނދުގެ ވޯޑަކާއި އިންޖެކްޝަން ޖެހުމާއި ބޭސް އަޅައިދޭ ރޫމެއް ހުރެއެވެ. އާބާދީގައި ހަސަތޭކެއަށް ވުރެ ގިނަ މީހުން ދިރިއުޅޭ ދަނބިދޫގެ ސިއްޙީ މަރުކަޒުން މިހާރު ޚިދުމަތް ދެމުން ގެންދަނީ އަށްގަޑިއިރުއެވެ.

ހެލްތް މިނިސްޓަރ ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ.އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެން އެރަށްރަށުގެ ސިއްޙީ މަރުކަޒުތަކަށް މިއަދު ޒިޔާރަތްކުރައްވާފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ވަޑައިގަތީ އިސްދޫ ސިއްޙީ މަރުކަޒަށެވެ. އެމަރުކަޒުން އެމަނިކުފާނަށް ވަނީ ޙޫނު މަރުހަބާއެއް ދަންނަވާފައެވެ. މިނިސްޓަރ ވަނީ އިސްދޫ ހެލްތް ސެންޓަރަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާލައްވާ، ހެލްތް ސެންޓަރު މަރާމާތުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރގެ ދަތުރުފުޅުގައި ދެން ވަޑައިގަތީ ލ.މާބާއިދޫ ސިއްޙީ މަރުކަޒާއި މުންޑޫ ސިއްޙީ މަރުކަޒަށެވެ. މި ދެރަށުގެ ސިއްޙީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވާ އެތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް މިނިސްޓަރ އޮޅުންފިލުއްވިއެވެ. ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއެކު ހެލްތް މިނިސްޓަރ ބޭއްވި ބައްދަލުކުރެއްވުމުގައި މުވައްޒަފުންނަށް ދިމާވާ ކަންބޮޑުންވުންތައް މިނިސްޓަރާ ޙިއްސާ ކުރައްވާފައެވެ.