ޚަބަރު

ވެނެޒުއެލާގެ ބިންހެލުން: އެތައް ޤައުމަކުން އެހީތެރިކަން ފޯރުކޮށްދެނީ


ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ގިނަ ޤައުމުތަކަކުން ދީފިއެވެ.

ޖޫން 25 ވަނަ ދުވަހު ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި މިހާތަނަށް 235 މީހުން މަރުވެ، އިތުރު 1،500 މީހުން ވަނީ ޒަޚަމްވެފައެވެ.

އެ ބިންހެލުންތަކުގައި ގިނަ އިމާރާތްތަކެއް ބިމާ ހަމަވެ، ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރީގޭޒް ވިދާޅުވީ، އެ މަސައްކަތުގައި އދގެ ޚާއްޞަ ޓީމުތަކުން ބައިވެރިވާނެ ކަމަށެވެ.

ތުރުކީވިލާތުން ވަނީ، ޖޫން 26ގައި ދެ އަސްކަރީ ހެލިކޮޕްޓަރުގައި ސިއްޙީ ޚިދުމަތްތެރިންނާއި މީހުން ހޯދުމުގެ ޚާއްޞަ މީހުންނާއި އާލަތްތައް ވެސް ވެނެޒުއެލާއަށް ފޮނުވައިފައެވެ.

ޖަރުމަނުވިލާތުގެ ދިފާޢީ ވުޒާރާއިން ވެސް ބުނީ މީހުން ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް 70އަށް ވުރެ ގިނަ މީހުންނާއި އެކަމަށް ޚާއްޞަ ޙާލަތްތައް ވެނެޒުއެލާއަށް ފޮނުވާފައިވާ ކަމަށެވެ.

ސްޕެއިން، ފަރަންސޭސިވިލާތް، ނެދަރލޭންޑްސް އަދި ޗެކް ރިޕަބްލިކުން ވެސް ވަނީ މީހުން ހޯދުމުގެ މަސައްކަތަށް ޙާއްޞާ ޓީމުތައް ފޮނުވާނެކަމަށް ބުނެފައެވެ.

އިންޑިއާއިން ވަނީ ވަގުތީ ހޮސްޕިޓަލަކާއި ސިއްޙީ ވަޞީލަތްތައް ވެނެޒުއެލާއަށް ފޯރުކޮށްދޭނެކަމަށް އިޢުލާނުކޮށްފައެވެ.

އެމެރިކާއިން 150 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދޭނެކަމަށް ބުނެފައިވާއިރު، ޗައިނާއިން ވެސް ވަނީ ވެނެޒުއެލާއަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައެވެ.

ސިއްޙީ ޙިދުމަތްތެރިންނާއި މީހުން ހޯދުމުގެ މަސައްކަތަށް ޚާއްޞާ ޓީމުތައް ފޮނުވާނެކަމުގެ ޔަޤީންކަން ދީފައިވާ އިތުރު ޤައުމުތަކުގެ ތެރޭގައި ބްރެޒިލް، މެކްސިކޯ، އެލް ސަލްވަޑޯރ، ޗިލޭ، ކޮލޮމޮބިއާ ވެސް ހިމެނެއެވެ.

ވެނެޒުއެލާއަށް އައި ބާރުގަދަ ދެ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑު 7.2 އަދި 7.5 ގައެވެ.

މި ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ވެރިރަށް ކަރާކަސްގެ އުތުރުން އައްސޭރިފަށުގައި އޮތް ލަ ގެއިރާއަށެވެ. ވެނެޒުއެލާގެ މައި ވައިގެ ބަނދަރު ހަލާކުވެ ބަންދުކުރުމުން، ބޭރުގެ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އަދި، ރަށްތަކުގައި އިމާރާތްތައް ބިމާހަމަވެ، މަގުތައް ވަނީ ބޮޑަށް ފަޅަފަޅައިގެން ގޮސްފައެވެ. މީގެ އިތުރުން، މުވާޞަލާތީ ޚިދުމަތް މެދުކެނޑުމުން ޤައުމުން ބޭރުގައި ދިރިއުޅޭ މީހުންނަށް ޢާއިލާތަކާ ގުޅޭގޮތް ވަނީ ނުވެފައެވެ.