އަންނަ ސީޒަންގައި ދިވެހި ޕްރެމިއަރ ލީގުގައި ވާދަކުރާނެ ޓީމުތައް ކަނޑައެޅުމަށް މިހާރު ކުރިއަށްދާ ކޮލިފިކޭޝަން ބުރުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި، ޓީސީ ސްޕޯޓްސް ކްލަބް، ބިސްބުރު ސްޕޯޓްސް ކްލަބް އަދި ހއ.ދިއްދޫ، ޕްރެމިއަރ ލީގުގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ދިއްދޫ އަދި ބިސްބުރުން މިހާތަނަށް ކޮލިފިކޭޝަންގެ 4 މެޗު ކުޅެފައިވާއިރު، ޓީސީ ސްޕޯޓްސް ކުލަބުން މިހާތަނަށް ކުޅެފައިވަނީ 3 މެޗެވެ.
ކޮލިފިކޭޝަންގައި މި ޓީމުތަކުން މިހާތަނަށް ކުޅެފައިވާ މެޗުތަކަށް ބަލާއިރު، ކޮލިފިކޭޝަންގެ 3 ވަނަ މެޗުގައި ބިސްބުރާއި ޓީސީ ބައްދަލުކޮށް ވަނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެފައެވެ. އެޓީމުގެ ދެވަނަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކުރި މެޗު ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު، 2-5 ގެ ނަތީޖާއިންނެވެ.
ބިސްބުރުގެ ތިންވަނަ މެޗުގައި ގދ.ގައްދޫއާ ވާދަކޮށް އެޓިމު ވަނީ 0-6 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ. އަދި ބިސްބުރު މިހާތަނަށް ކުޅުނު ފަހު މެޗުގައި ރޭ ވަނީ ހުރާގެ މައްޗަށްވެސް ބޮޑު މޮޅެއް ހޯދާފައެވެ. ބިސްބުރުން މިމެޗު ކާމިޔާބުކުރީ 3-6 ގެ ނަތީޖާއިންނެވެ.
ޓީސީގެ މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ބިސްބުރާ އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއިންނެވެ. ދެވަނަ މެޗުގައި ހއ.ދިއްދޫއާ ބައްދަލުކޮށް އެޓީމުން ވަނީ 0-3 ގެ މޮޅެއް ހޯދާފައެވެ. އަދި އެޓީމުން މިހާތަނަށް ކުޅުނު އެންމެ ފަހު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދާފައިވަނީވެސް ހަމަ އެނަތީޖާއިންނެވެ. ޓީސީގެ 4 ވަނަ މެޗުގައި މިއަދު ހަވީރު 1600 ގައި ނުކުންނާނީ ގދ.ގައްދޫއާ ދެކޮޅަށެވެ.
ދިއްދޫ ޓީމުގެ ނަތީޖާތަކަށް ބަލާއިރު، އެޓީމުގެ ފުރަތަމަ މެޗުގައި ގދ.ގައްދޫއާ ބައްދަލުކޮށް 0-1 ގެ ނަތީޖާއިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. ދެވަނަ މެޗުގައި ޓީސީ އަތުން 0-3 ގެ ނަތީޖާއިން ބަލިވެފައިވާއިރު، ތިންވަނަ މެޗުގައި ހުރާއާ ބައްދަލުކޮށް، ދިއްދޫއިން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއިންނެވެ. އަދި އެޓީމުގެ 4 ވަނަ މެޗުގައި އިއްޔެ ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
މި ނަތީޖާތަކާއެކު، ކުޅުނު 4 މެޗުން ލިބުނު 10 ޕޮއިންޓާއެކު މިވަގުތު އެއްވަނައިގައި އޮތީ ބިސްބުރު ސްޕޯޓްސް ކްލަބެވެ. ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޓީސީއެވެ. ތިންވަނައިގައި އޮތް ދިއްދޫއަށްވެސް ޕޮއިންޓު ލިބިފައިވަނީ ހަމަ މިއަދަދަށެވެ، ޓީސީއަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.