ހައިޖަމްޕްގެ ގައުމީ ރެކޯޑު ޔޫސުފް ނާއިކް ވަޖީހު އައު ކޮށްފިއެވެ.
ނާއިކު މި ރެކޯޑު އައުކޮށްފައިވަނީ 35 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައެވެ. މީގެ ކުރިންވެސް ހައި ޖަމްޕްގެ ގައުމީ ރިކޯޑު އޮންނަ ނާއިކު މިފަހަރު ރިކޯޑު އައު ކޮށްފައިވަނީ 1.91 މީޓަރު އުހަށް ފުންމައިގެންނެވެ. ނާއިކުގެ ކުރީގެ ރިކޯޑަކީ 1.88 މީޓަރެވެ. އެއީ 2025 ވަނަ އަހަރުގެ އެޕްރީލްމަހު އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އޭނާ ގާއިމުކުރި ރެކޯޑެކެވެ.
ރާއްޖޭގެ ހައިޖަމްޕްގެ އެންމެ ކާމިޔާބު އެތުލީޓު ނާއިކު ވަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައި އޮތް ބައެއް މުބާރާތްތަކުގައި ރަނގަޅު ވާދަތަކެއްކޮށްފައެވެ.
35 ވަނަ ގައުމީ މުބާރާތުގައި ވަނީ ޝޮޓްޕުޓްގެ ގައުމީ ރިކޯޑުވެސް އައުކޮށްފައެވެ. މި ރިކޯޑު ހަދާފައިވަނީ ކުރިންގެ ޝޮޓްޕުޓްގެ ގައުމީ ރިކޯޑު އޮންނަ ރާއްޖޭގެ ކާމިޔާބު އެތުލީޓު އައިޝަތު ޝާޔާ ޝަފީއުއެވެ.