ދިވެހި ލީގު 2026/27 ސީޒަން ކޮލިފިކޭޝަންގައި ގދ.ގައްދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައި، ބިސްބުރު ސްޕޯޓްސް ކުލަބުން އަންނަ ސީޒަންގެ ދިވެހި ލީގުގެ ޖާގައެއް ކަަވަރުކޮށްފިއެވެ.
ގަލޮޅު ރަސްމީ ބޯލަ ދަނޑުގައި މިއަދު ކުޅުނު މިމެޗުން ބިސްބުރު މޮޅުވެފައިވަނީ 0-6 ގެ ނަތީޖާއިންނެވެ.
ބިސްބުރުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި 5 ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުން މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ ދެވަނަ މިނެޓުގައެވެ. މިއީ ޢާމިރު ޝުޢައިބު ނަގައިދިން ހުރަހަކުން މުޙައްމަދު ނަޝީދު ކާމިޔާބުކުރި ގޯލެކެވެ. ބިސްބުރުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ނަޝީދެވެ. މިއީ ޙުސައިން ސިލްމީޒް އޭރިއާ ތެރޭގައި ހުރެފައި ޖައްސާލި ބޯޅައެއް ގޯލު ކުރިމަތިން ހުރަސްވާން ދަނިކޮށް މުޅިން ހުސްކޮށް ހުރެފައި ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގައި ފެނިގެންދިޔަ 3 ވަނަ ލަނޑަކީ ގައްދޫގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޢާމިރު ޝުޢަބު އެލްޞާދިޤު މުޙައްމަދު ކާމިޔާބުކުރި ގޯލެކެވެ.
އެޓީމުގެ 4 ވަނަ ލަނޑު، މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަޙްމޫދު އަޝްރަފް މަޙްމޫދު މުޞްޠަފާއެވެ. މިއީ ޙުސައިން ޒާހިރު ދިން ޕާހަކުން މުޅިން ހުސްކޮށް އަރާ އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފުގައި ފެނިގެންދިޔަ ފަހު ގޯލު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މުޙައްމަދު ނަޝީދެވެ. މެޗުގެ 71 ވަނަ މިނެޓުގައި މަޙްމޫދު އަޝްރަފް މަޙްމޫދު މުޞްޠަފާ ދިން ޕާހަކުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ވަނީ މެޗުގައި 4 ލަނޑު ހަމަކޮށްފައެވެ.
މި ނަތީޖާއާއެކު، މިދިޔަ ސީޒަންގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންގެ ގޮތުގައި ކޮލިފިކޭޝަނާ ކުރިމަތިލި ބިސްބުރު މިވަނީ އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަންގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
ކޮލިފިކޭޝަނުގައި މިހާތަނަށް ކޮންމެ ޓީމަކުންވެސް 3 މެޗު ކުޅެފައިވާއިރު ތާވަލުގެ އެއްވަނަ ލިބެނީވެސް ބިސްބުރަށެވެ. މިމެޗުން ބަލިވި ގައްދޫއަށް ލިބެނީ ތާވަލުގެ ހަތަރުވަނައެވެ. ދެވަނައިގައި ޓީސީ ސްޕޯޓްސް ކްލަބް އޮތްއިރު، ތިންވަނައިގައި އޮތީ ދިއްދޫއެވެ. ދިވެހި ލީގަށް ކޮލިފައިނުވާ ޓީމުތައް ޖެހޭނީ އަލުން ރީޖަނަލް ކޮލިފައިންގ ކުޅޭށެވެ.