ޚަބަރު

ވެމްކޯއަށް 20 ޓްރައިސިކަލް ގެންނަން ބަޔަކާ ހަވާލުކޮށްފި


މާލޭ ސިޓީ ހިމެނޭ ސަރަޙައްދުގެ ކުނި ރައްކާތެރިގޮތުގައި މެނޭޖްކޮށް ނައްތާލުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކުރައްވާފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ލިމިޓެޑް، ވެމްކޯއާއެވެ. އެކުންފުނިން އަންނަނީ ދެމެހެއްޓެނެވި ނިޒާމެއްގެ ދަށުން މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރެއްވުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އެކަމަށް ބޭނުންވާ ވެހިކަލްތަކާއި، އިންސާނީ ވަސީލަތް ހޯއްދެވުމުގެ މަސައްކަތްވެސް ކުރައްވަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަޙައްދުތަކަކަށް ބަލާލައިގެން، ގޭގެއިން ކުނި އުކާލުމުގެ މަސައްކަތް ކުރަމަކީ ވެމްކޯގެ މައިގަނޑު އެއް ވިސްނުމެވެ. މާލެއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއެކު މާލޭގެ ގޭބިސީތަކުން ކުނި ޖަމާކުރުމަށް 3 ވައްތަރެއްގެ ވެހިކަލް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި، ޓްރައިސިކަލްސް، ޕިކަޕު އަދި ކޮންޕެކްޓަރ ޓްރަކް ހިމެނޭކަމަށް ވެމްކޯއިން ހާމަކުރައްވައެވެ. 

މި މަސައްކަތަށް ބޭނުންވާ ޓްރައިސިކަލްސް ހޯދުމުގެ މަސައްކަތް ނެކްސޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވާ، އެކަމުގެ އެއްބަސްވުމުގައި ވެމްކޯއާއެކު ވަނީ ސޮއިކުރައްވާފައެވެ. ވެމްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުޢާދުއެވެ. އަދި ނެކްސޯގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ލޮޖިސްޓިކް މެނޭޖަރ ޢަލީ މުޙާޒަމްއެވެ. މި އެއްބަސްވުމުގެ ދަށުން ޖުމްލަ 20 ޓްރައިސިކަލް ގެނެއުމަށް ވަނީ ހަމަޖެހިފައެވެ.

img:http://s1.psmnews.mv/images/660x400/14763455097150.jpg|ކުނި އުކާލުމަށް ގެންނަ ޓްރައިސައިކަލް / ފޮޓޯ: ވެމްކޯ

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުޢާދު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ގެނެއުމަށް ހަމަޖެހިފައިވާ ޓްރައިސިކަލްތަކަކީ ފަސޭހައިން ބޭނުންކުރެވޭ ފަދަ ތިމާވެއްޓާ ރައްޓެހި ވެހިކަލްތަކެއްކަމަށެވެ. އަދި މިއީ 200 ކިލޯގެ ކުނި އެއްފަހަރާ އުފުލުމުގެ ޤާބިލުކަން ލިބިގެންވާ ވެހިކަލްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ފުޢާދު ވިދާޅުވީ، ނެކްސޯއާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން 45 ދުވަހުގެ ތެރޭގައި ޓްރައިސިކަލްސްތައް ރާއްޖެގެނެވި، އެބޭފުޅުންގެ އޮޕަރޭޝަންތަކުގައި މިތަކެތި ބޭނުން ކުރެވިގެންދާނެކަމަށެވެ. އަދި ވެމްކޯގެ އަމާޒަކީ މި އަހަރުގެ ޑިސެމްބަރުމަހުގެތެރޭ މާލޭގެ ގޭބިސީތަކުން ކުނި އުކައިދިނުމުގެ ޙިދުމަތް ރަސްމީކޮށް ފެށުންކަމުގައި އޭނާ ވިދާޅުވިއެވެ.

މާލޭގެ ގޭބިސީތަކުން ކުނިއުކުމަށް ޓްރައިސިކަލްސް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، ވިޔަފާރިކުރާ ފަރާތްތަކާއި، ހޮޓާ، ރެސްޓޯރެންޓް ފަދަ ތަންތަން ހިންގާ ފަރާތްތަކަށް ޚާއްސަކޮށްގެން ކޮންޕެކްޓަރ ޓްރަކްތަކެއް ހޯދުމަށްވެސް ވެމްކޯއިން ދާދިފަހުން ވަނީ ބަޔަކާއި ހަވާލުކުރައްވާފައެވެ.