ޚަބަރު

ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެ ކަމަށް ކެނެޑާއިން އިޢުލާނުކޮށްފިއެވެ.

ފަރަންސޭސިވިލާތުން ޔަހޫދީންނާއެކު ފަލަަސްޠީނުގެ ވެސް މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ގޮވާލައި އެ ޤައުމުން ބޭއްވި “ޕެރިސް ކޯލްސް ފޮރ ޓޫ ސްޓޭޓް ސޮލިއުޝަން” ބައްދަލުވުމުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފައިސާ ދޭނެ ކަމަށް ކެނެޑާގެ ފަރާތުން އިޢުލާނުކުރައްވާފައި ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު އަނީތާ އާނަންދްއެވެ. އޭނާ ވިދާޅުވީ އެ ފައިސާ ފަލަސްޠީނަށް ރައްދު ކުރާނީ ރެޑް ކްރޮސްއާއި ރެޑް ކްރެސެންޓް މެދުވެރިކޮށް ކަމަށެވެ.

ކެނެޑާއިން ދޭ ފައިސާ ޚަރަދުކުރާނީ ކުއްލި ޙާލަތުގައި ދޭން ޖެހޭ ޞިއްޙީ ފަރުވާ ދިނުމަށާއި ކާބޯތަކެއްޗާއި ބޯފެން ފޯޜުކޮށްދިނުމަށާއި ބޯހިޔާވަހިކަމަށާއި ޢާންމުންނަށް ރައްކާތެރިކަން ދިނުމަށެވެ. އޭގެ އިތުރުން ކާނާގައި އެކުލެވިގެންވާ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ބައިތައް ފޯރުކޮށްދިނުމަށާއި ސާފުތާހިރު މާހައުލެއް ޤާއިމްކޮށް ނަރުދަމާގެ މަސައްކަތްތައް ކުރުމަށް ވެސް މި ފައިސާ ބޭނުންކުރާނެއެވެ.

އިތުރަށް ޚަރަދުކުރާނެ ކަމަށް ކެނެޑާއިން އިޢުލާނުކޮށްފައިވާ ޢަދަދާއެކު ކެނެޑާއިން ފަލަސްޠީނަށް ޚަރަދުކުރާ ޖުމްލަ ޢަދަދު ވަނީ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައެވެ.

ފަލަސްޠީނަށް އެހީތެރިވުމަށް އައު މަސައްކަތްތަކެއް ކުރާނެ ކަމަށް ކެނެޑާއިން ބުނެފައި މި ވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި ކެނެޑާއާ ގުޅިގެން ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް ދައުލަތެެއް ޤާއިމް ކުރުމަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ ޞުލްޙައިގެ ފަންޑު، ނުވަތަ އިންޓަނޭޝަނަލް ޕީސް ފަންޑު އުފައްދާފައިވާ ކަން ތިން ޤައުމުން އިޢުލާނު ކުރުމުގެ އެއް ދުވަސް ފަހުންނެވެ. އެ ތިން ޤައުމުން އެ ފަންޑު ފެށުމަށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކޮންމެ ޤައުމަކުން 1.3 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ވަނީ އެއްބަސްވެފައެވެ. ބައިނަލްއަޤްވާމީ އެހެން ބައިވެރިން ދޭ މާލީ އެހީތެރިކަން ވެސް އެ ފަންޑުން ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.