ޚަބަރު

ދ. މީދޫ ކައުންސިލް ރައީސްގެ އިންތިޚާބުގެ އިތުރުބުރުގެ ވޯޓުލުން ފަށައިފި


  • އިންތިޚާބުގެ ވޯޓުލުން 8:00 ޖެހިއިރު ވަނީ ފަށާފައި

  • އިންތިޚާބުގައި ދެ ކެނޑިޑޭޓަކު ވާދަ ކުރޭ

ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޙާބުގެ އިތުރު ބުރުގެ ވޯޓުލުން ފަށައިފިއެވެ. މި އިންތިޚާބުގައި ބަހައްޓާފައިވާ ހުރިހާ ފޮއްޓެއްގައިވެސް ގަޑިއަށް ވަނީ ވޯޓުލުން ފަށާފައެވެ.

ދ. މީދޫ ކައުންސިލް އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތިން ފޯޓެއް ބަހައްޓާފައެވެ. މި އިންތިޚާބުގައި ވޯޓުލުން އެރަށުގައި ކުރިއަށްދާނީ ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވެއެވެ. އަދި މާލޭގައި އިންތިޚާބުގައި ވޯޓުލުން ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވޯޓުލުން ގަޑިއަށް ފެށިފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 8:00 އިން 4:00 އަށް ކުރިއަށްދާނެއެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 1049 މީހަކަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން ދ. މީދޫއަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން ވޯޓުލާނީ 587 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި މާލެއަށް ވޯޓުލުމަށް 462 މީހުން ވަނީ ރަޖިސްޓަރީކޮށްފައެވެ.

ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރުބުރެއް ނެގުމަށް ނިންމާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.

މި އިންތިޚާބުގައި ދެ ކެނޑިޑޭޓުން ވާދަ ކުރެއެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެނޑިޑޭޓަކާއި، މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް، އެމްޑީއޭގެ ކެނޑިޑޭޓެވެ.