ކުޅިވަރު

ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ބްރެޒިލްގެ ޑިފެންޑަރު ބްރިޓޯ މަރުވެއްޖެ


1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ބްރެޒިލްގެ ޑިފެންޑަރު ބްރިޓޯ މަރުވެއްޖެ އެވެ.

އޭނާ މަރުވީ އުމުރުން 86 އަހަރުގަ އެވެ. ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ އޭނާ މަރުވީ އިއްޔެ ކަމަށެވެ. އިތުރު ތަފްސީލެއް ދީފައިނުވެ އެވެ.

ބްރިޓޯ ވަނީ ގައުމީ ޓީމަށް 1964 އިން 1972އަށް 61 މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ 1966 ވަނަ އަހަރުގެ މުބާރާތުގައި ވެސް ބްރެޒިލްގެ ޑިފެންސް އިތުބާރާއެކު ބަލަހައްޓައިދީފަ އެވެ.

"ބްރިޓޯ އަހަރުމެންނާ ވަކިވިދިޔައިރު އޭނާ އަކީ ބްރެޒިލްގެ ފުޓްބޯޅައިން ފެނުނު އެންމެ މޮޅު އެއް ޑިފެންޑަރު. އޭނާ ހޯދައިދިން 1970ގެ ވޯލްޑް ކަޕަކީ އަބަދުވެސް އަހަރުމެން ހަނދާނުގައި ހުންނާނެ ކަމެއް. މި ވަރުގަދަ ޝަހުސިއްޔަތަށް އަހަރެން އިހްތިރާމް އަދާކުރަން. އޭނާގެ ހިތްވަރާއި ފަންވަރަކީ ވޯލްޑް ކަޕް ކާމިޔާބު ކުރަން އަހަރުމެންގެ ކުޅުންތެރިން ވޯލްޑް ކަޕް ކާމިޔާބު ކުރަން ލިބިގެންދާނެ އިތުރު ހިތްވަރެއް،" ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ސާމިރު ޒައުދު ވިދާޅުވި އެވެ.

ބްރިޓޯ މަރުމިވީ ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ބްރެޒިލް މި ފަހަރުގެ މުބާރާތުގައި ކުޅެން އެއް ދުވަހަށް ވެފައިވަނިކޮށެވެ. މާދަމާ ނޫން އަނެއް ދުވަހު އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ކުޅޭ މުބާރާތުގައި ބްރެޒިލް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.