ސިޔާސީ

ރައީސް ޔާމީނަށް އިތުރު ދައުރެއް ދިނުމަށް ޕީޖީ ގްރޫޕުން ތާޢީދުކުރޭ


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިތުރު ދައުރަކަށް އިންތިޚާބުކުރެއްވުމަށް ޕީ.ޕީ.އެމް ކައުންސިލްގެ މެޖޯރިޓީ މެންބަރުންނާއި އެޕާޓީގެ މުޅި ޕާލިމެންޓްރީ ގްރޫޕު ތާއީދުކުރައްވާކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބަށް ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓް އެއްވެސް ޕްރައިމަރީއަކާއި ނުލާ ދިނުމަށް ޕާޓީގެ ގިނަ މެމްބަރުން ތާޢީދުކުރައްވާކަމަށެވެ. އަދި އެކަމަށް ޕާޓީގެ އަސާސީ ޤަވައިދުގެ ދަށުން އެއްވެސް ހުރަހެއް ނެތްކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ޕްރައިމަރީއަކާއި ނުލާ ރިޔާސީ އިންތިޚާބުގެ ޓިކެޓް ރައީސް ޔާމީނަށް އަރުވަންޖެހޭ ސަބަބުތައް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުންދާކަމަށެވެ. އެގޮތުން  ރައީސް ޔާމީންގެ ޒައާމަތުގައި މުޅި ރާއްޖެ ތަރައްޤީ ކުރައްވަމުން ގެންދަވާކަން ނިހާނު ފާހަގަކުރެއްވިއެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ އެދިވަޑައިގަތުމަކަށް ރައީސް ޔާމީން މިއަދު ވަނީ ޕީޖީ ގްރޫޕްގެ މެމްބަރުންނާ މުލިއާގޭގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ބޮޑަށް މަޝްވަރާ ކުރެވުނީ ޕާޓީގެ އެތެރޭގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމާއި ގުޅޭގޮތުންނެވެ.

ޕީޕީއެމްގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު އެޕާޓީގެ ރައީސް، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާވެސް ބައްދަލުކުރެއްވުމަށް ޕީޖީ ގްރޫޕުން ސިޓީއަކުން އެދިފައިވެއެވެ. ޕީޖީ ގްރޫޕުގެ އެ ސީޓީއަށް މިހާތަނަށްވެސް ރައީސް މައުމޫން ޖަވާބެއް ދެއްވާފައި ނުވާކަމަށް ނިހާން ވިދާޅުވިއެވެ. ރިޔާސީ ޕްރައިމަރީގައި ޓިކެޓް ދިނުމާއި މެދު ޕީޕީއެމް ތެރޭ ހިޔާލު ތަފާތުވުން އުފެދިފައިވާއިރު ޕާޓީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްވަނީ ޕްރައިމަރީ އާއި މެދު ގޮތެއް ނިންމެވުމަށް އެޕާޓީގެ ޤައުމީ ޖަލްސާ އަންނަ އަހަރުގެ ނޮވެމްބަރ މަހު ތެރޭ ބޭއްވެވުމަށް ނިންމަވާ އެކަން އިޢުލާންކުރައްވާފައެވެ.