ޚަބަރު

ފުޓުބޯޅަ އާއިއެކު ޑިސިޕްލިންވެސް ދަސްކުރުން މުހިންމު: އުރުބާނީ


  • ރާއްޖެއާއި ބަންގްލަދޭޝްގެ މެޗުގައި ބޮޑު ހަމަނުޖެހުމެއް

  • ބަންގްލަދޭޝްއަށް 3 ރަތްކާޑު

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި ރޭ، ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ކަންކަމަށް އިޝާރާތްކޮށް، ފުޓުބޯޅަ ކުޅެން ދަސްކުރުމާއެކު ދަނޑުމަތީގައި ގެންގުޅެންޖެހޭ ޑިސިޕްލިން ހިފަހައްޓަންވެސް ދަސްކުރަންޖެހޭ ކަމަށް، ރާއްޖޭގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ، އިސްޓަވާން އުރުބާނީ ބުނެފިއެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އުރުބާނީ ވަނީ، މެޗުގައި ހިނގައިދިޔަ ކަންކަމާމެދު، އަދި ބަންގްލަދޭޝް ކޯޗުގެ ޕެރެސް ކޮންފަރެންސްގައި ދެއްކި ވާހަކަތަކާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

ރޭގެ މެޗުގައި ބަންގްލަދޭޝް ޓީމު އެއްވަރުވާން ފެށުމާއެކު، ދަނޑުމަތީގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެޓީމަށް ޖުމްލަ 3 ރަތް ކާޑެއް ދައްކާފައި ވެއެވެ. ފުރަތަމަ ރަތްކާޑު ދެއްކީ ބަންގްލަދޭޝްގެ ޓީމު މެނޭޖަރަށެވެ. ދެވަނަ ރަތްކާޑު ދެއްކީ އެ ޓީމުގެ ލަނޑުޖަހައިދިން މިރުޖުލް އިސްލާމަށެވެ. އަދި ފަހު ރަތްކާޑު ދެއްކީ އަލް އަމީނަށެވެ.

މިކަންކަމަށް އިޝާރާތްކޮށް ރާއްޖޭގެ ކޯޗު އިސްޓަވާން އުރުބާނީ ބުނީ، ފުޓުބޯޅަ ކުޅެން ދަސްކުރުމުގެވެސް ކުރިން، ދަނޑުމަތީގައި ޑިސިޕްލިން ބަހައްޓަންޖެހޭ ގޮތް ދަސްކުރަންޖެހޭނެ ކަމަށެވެ. މީގެ އިތުރަށް، ބަންގްލަދޭޝް ކޯޗު މަރްފުލް ހައްކުގެ ޕްރެސް ކޮންފަރެންސްގައި، ރާއްޖޭގެ ފުޓުބޯޅައާ މެދު އޭނާ ދެއްކި ވާހަކަތަކަށް ރައްދު ދެމުން އުރުބާނީ ވަނީ ވަކިން ހާއްސަކޮށް ޓީމުތަކުގެ އޮފިޝަލުން، ދަނޑުމަތީގައި ރަނގަޅު ނަމޫނާއެއް ދެއްކުން މުހިންމުކަމަށް ބުނެފައެވެ.

"ޓެކްނިކަލް ޑިރެކްޓަރުގެ ހައިސިއްޔަތުން ބުނެލަން އޮތީ ފުރަތަމަ ކަމަކަށް ދަސްކުރަންޖެހޭނީ ހަމައެކަނި ފުޓުބޯޅަ ކުޅޭކަށް ނޫނޭ. އެކަމަކު ދަނޑުމަތީގައި އުޅެންޖެހޭ ގޮތްވެސް ދަސްކުރަން ޖެހެޔޭ. ދެންމެ އަހަންނަށް އިވުނު ބަންގްލަދޭޝް ކޯޗު، ރާއްޖޭގެ ފުޓުބޯޅަ އެނަލައިޒްކުރާ އަޑު. އެމީހުންގެ ފުޓުބޯޅައިގެ ހާލަތުގެ ވާހަކަ ދައްކާކަށް އަހަރެން ނަހަދާނަން. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރުމެން ޖެހޭ ދަނޑުމަތީގަ އުޅެން ދަސްކުރަން. ހާއްސަކޮށް އޮފިޝަލުން."

ރޭގެ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ބަންގްލަދޭޝް ޓީމަށް "ރެފްރީން ދިން ގެއްލުންތަކުގެ" ވާހަކަ، އެޓީމުގެ ކޯޗު ތަކުރާރުކޮށް ދައްކާ، ރެފްރީން ގަސްދުގައި ބަންގްލަދޭޝް ޓީމު މުބާރާތުން ކަޓުވާލީކަމަށް ތުހުމަތުކޮށްފައި ވެއެވެ. ނަމަވެސް، މި މައްސަލަ ދިމާވެފައިވަނީ ބަންގްލަދޭޝްއަށް އެކަންޏެއް ނޫނެވެ. އަފްޣާނިސްތާނުގެ ކޯޗުވެސް ވަނީ މުބާރާތުގެ ރެފްރީންގެ ބައެއް ނިންމުންތަކަށް ފާޑުކިޔާފައެވެ.

ރޭގެ މެޗު އެއްވަރުވުމާއެކު އެއްވަރުވުމާއެކު، ފައިނަލުގެ ޖާގައެއް ހޯދަން ބަންގްލަދޭޝްއަށް އޮތް ފުރުސަތު ވަނީ ގެއްލިފައެވެ. ފައިނަލުގެ ޖާގައެއް ހޯދަން ބަންގްލަދޭޝަށް އޮތް ހަމައެކަނި ފުރުސަތަކީ ރާއްޖެ ބަލިކުރުމެވެ. މުބާރާތުގައި ރާއްޖެއިން މި މެޗާ ހަމައަށް ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައެވެ

ގްރޫޕް ސްޓޭޖުގެ ފަހު މެޗަށްފަހު ޕޮއިންޓު ތާވަލް އެތުރިފައިވާ ގޮތަށް ބަލާއިރު، ތިން މެޗުން ހަތް ޕޮއިންޓު ހޯދައިގެން އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދިޔައީ ޕާކިސްތާނެވެ. ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ފައިނަލްގެ ދެވަނަ ޖާގަ ހޯދީ އަފްޣާނިސްތާނެވެ.

ތިންވަނަ ލިބުނު ބަންގްލަދޭޝްއަށް ތިން މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ފުލުގައި ރާއްޖެ އޮތީ އެންމެ ޕޮއިންޓަކާއެކުއެވެ.