ޚަބަރު

"ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން"


  • ބޭހުގެ މައްސަލަ ހައްލުކުރަން ނިޒާމީ ބަދަލުތަކެއް ގެންނަންޖެހޭ

  • ރާއްޖޭގައި ބޭނުން ކުރާ ބޭހުގެ %25 އެސްޓީއޯއިން އެތެރެކުރަނީ

ބޭސް ލިބުން ދަތިވަނީ ޞިއްޙީ ދައިރާއާ އެއްވަރަށް ސަޕްލައިޗެއިން ތަރައްޤީ ނުވެ އޮތުމުން ކަމަށް ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.

ޑރ. ޝާހް މާހިރު ވިދާޅުވީ ރައްޔިތުންނަށް ބޭސް ލިބުމުގައި ނިޒާމީ ގޮތެއްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދައުލަތުގެ ބޭސް ކުންފުންޏަކީ ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އެކަމަށް ހާއްސަ ކުންފުންޏެއްގެ ދަށުން އެ މަސައްކަތް ކުރުމަށް އުފެއްދި ކުންފުންޏެކެވެ. އެކުންފުނީގެ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކޮށްދެއްވައި ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ދައުލަތުގެ ބޭސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ އެޕްރީލް މަހުން ފެށިގެން ރައްޔިތުންގެ ބޭސް ސިޓީތަކަށް އެކުންފުނިން ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 1000 އަކަށް ވުރެ ގިނަ ބޭސް ސިޓީ ލިބި އެ ބޭސް ސިޓީތަކާށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވި ނުވަތަ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވަނީ ބޭސް ސިޓީތަކަށް ބޭސް ހޯދުމުގައި ހުރި ދަތިތައްވެސް ހިއްސާކޮށްދެއްވާފައެވެ. އެގޮތުން މުޅި ނިޒާމު ހަރުދަނާ ކުރަން ގިނަ މަސައްކަތްތައް ކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ. އެގެ ތެރޭގައި ބޭސް އެތެރެކުރުމުގެ މަރުހަލާގައި ހުރި ގޮންޖެހުންތަކާއި، ވަކި ބޭސްތަކަކީ ވަކި ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓައިގެން ގެންނަން ޖެހޭ ބޭހަށްވުމުން ހުރި ދަތިތަކާއި، އަދި ބޭރުން ހާއްސަ ބޭސްތައް ހޯދުމަށް ދިމާވާ ގޮންޖެހުންތައް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބޭހުގެ ކޯޑުތައް އިދާރާތަކުގެ މެދުގައި އެއްހަމަ ކުރުމާއި، އެކި ވައްތަރުގެ އެކި ބްރޭންޑްތަކުގެ ބޭސް ހުރުމުގެ ސަބަބުން ބޭސްތައް ލިއުމުގައި ހުރި ކަންކަންވެސް ހައްލުކުރަންޖެހޭ ކަމަށް ޑރ. ޝާހް މާހިރު ވިދާޅުވިއެވެ. މިކަންކަން ހައްލުކުރަން އެހެން އިދާރާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕޭޝަންޓަކަށް ބޭސް ސިޓީ ލިޔާ ހިސާބުން ބޭސް ލިބެންޖެހޭނެ. އެހެންވީމަ އަޅުގަނޑުމެންގެ ދުރުރަސްތާ އަމާޒަކީ މަދު ކުއަންޓިޓީން ބޭނުންވާ ބޭސްވެސް ސްޓޮކް ކޮށްފައި ބެހެއްޓުން. އެހެންވީމަ އަޅުގަނޑުމެން ބޭސް އުފައްދާ ފަރާތްތަކާއި ވަހާކަ ދައްކަމުން މިގެންދަނީ ސްޓޮކްކޮށްގެން ރިލީޒް ކުރުމަށް. މީގެ ދައިމީ ހައްލަކީ ރައްޖޭގައި ބޭނުން ކުރާ ހުރިހާ ބޭހެއްވެސް ޑިސްރަޕްޓްނުވާނެހެން ސްޓޮކް ކޮށްފައި ބެހެއްޓުން. އެއީ ދުރުރާސްތާ ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރެވޭނެ ގޮތަކީ" އެމްޑީ ޝާހް ވިދާޅުވިއެވެ.

ބޭސް ލިބުމުގެ ދަތިތައް ހައްލުކުރަން އެކުންފުނިން ކުރި ދިރާސާގައި ރާއްޖޭގައި ބޭނުން ކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ރެޖިސްޓަރކޮށްފައިވަނީ އެންމެ 25 އިންސައްތަ ބޭސް ކަމަށް ޝާހް ވިދާޅުވިއެވެ. އެހެން ކަމުން މުޅި ނިޒާމަށް ހައްލެއް ގެނައުމަށް އަމިއްލަ ފަރާތްތަކާ ގުޅިގެން އަގުތައް ހިފެހެއްޓުމަށްވެސް މަސައްކަތް ކުރަމުންދާކަން އޭނާ ހާމަކުރެއްވިއެވެ.

އޭނާ ވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމު ތަރައްޤީވީ މިންވަރަށް ޞިއްޙީ ނިޒާމުގެ ސަޕްލައި ޗެއިން ތަރައްޤީ ނުވުމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް ފާހަގަކުރައްވާފައެވެ.

"ހަޤީޤަތުގައި ރާއްޖޭގެ ސިއްޙީ ނިޒާމު ތަރައްޤީވެގެން އައިއިރު، ބައެއް ކަހަލަ ސިސްޓަމްތަކާއި ކަންކަން ތަރުތީބު ނުވެ އޮތުމުން އައި މައްސަލައެއް މިމައްސަލައަކީ. އެހެންވީމަ ހޮސްޕިޓަލްތައް ޑިވެލޮޕްވެ ސިއްޙީ ދައިރާ ކުރިއަރައިގެން ދިޔައިރު، ނުލާހިކުރ މޮޅެތި އޮޕަރޭޝަންސްތަކާއި އެކިއެކި ޓްރީޓްމެންޓް ރާއްޖެއިން މިހާރު ކުރެވޭ. އިންޑިއާއަަށް ފޮނުވަން ކުރިން ޖެހުނު ބައިވަރު ކަންކަން ރާއްޖޭގައި މިހާރު ކުރެވޭ. އެހެންވީމަ ހޮސްޕިޓަލެއް ކިތަންމެ ރީއްޗަށް ބިނާ ވެފައި ހުއްޓަސް އެ އެ ހޮސްޕިޓަލެއް ހިންގަން އޭގެ ވަށައިގެން ކުރަންޖެހޭ ކަންކަން ތަރައްޤީ ނުވާނަމަ މިކަހަލަ މައްސަލަ ޖެހޭނެ." ޝާޙް ވިދާޅުވިއެވެ.

މިކަން ހައްލުކުރުމަށް އެކުންފުނިން ދުރާލާ ގެނެވޭނެ ބޭސްތައް ގެނެސް، ސްޓޮކް މެއިންޓެއިންކޮށް މުޅި ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝާހް ވިދާޅުވިއެވެ. އޭނާ ވަނީ އެކުންފުނީގެ މަސައްކަތްތަކުން ނަތީޖާ 6 މަސް ތެރޭ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.