ޚަބަރު

"ރައީސްގެ ޚާރިޖީ ސިޔާސަތު ދުނިޔެއިން ބަލައިގަންނަކަން ހާމަވެއްޖެ"


  • ރާއްޖެއިން ކުރާ އިތުބާރު ހާމަވެގެން ގޮސްފައިވާކަމަށް ވަޒީރު ވިދާޅުވި

އިކޮސޮކްއަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢިން، ރައީސުލްޖުމްހޫރިއްޔާ ޑރމުޙައްމަދު މުޢިއްޒުގެ ޚާޜިޖީ ސިޔާސަތު ބަލައިގަންނަކަމުގެ ހެއްކެއްކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އ.ދ.ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުވުމާއި ގުޅިގެނެވެ.

ދިވެހިރާއްޖެއިން އިކޮސޮކްއަށް އިންތިޚާބުވުމާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވިދާޅުވީ އިކޮސޮކްއަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ގައުމަށް ލިބުނު ފަޚުރުވެރި އަދި ތާރީޚީ ކާމިޔާބީއެއްކަމަށެެވެ. އަދި މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢިން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާޜިޖީ ސިޔާސަތު ބަލައިގަންނަކަމުގެ ހެއްކެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާޜިޖީ ސިޔާސަތު ބަލައިގަންނަކަމުގެ ހެއްކެއް. ކަމަށްއަދި ރާއްޖެއަށް ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚާޜިޖީ ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއިން އިކޮސޮކްއަށް އިންތިޚާބުވުމަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބަލައިގެންފައިވާކަން ހާމަކޮށްދޭ ކަމެއްކަމަށެވެ. އަދި ދިވެހިރާއްޖެއަށް މި ލިބުނު ތާއީދާއި އިތުބާރަށްޓަކައި، އ.ދ. ގެ މެންބަރު ގައުމުތަކަށް ދިވެހިރާއްޖެއިން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށްވެސް ޚާރިޖީ ވަޒީރު އިރުތިޝާމް ވިދާޅުވިއެވެ.

އިކޮސޮކްއަކީ އ.ދ. ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. މި މަޖިލީހަކީ އ.ދ. ގެ ނިޒާމުގެ ތެރެއިން އިގްތިސާދީ އަދި އިޖުތިމާއީ އެކި މައްސަލަތަކުގައި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރާ އެންމެ މަތީ މަޖީލީހެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހިމެނޭހެން، ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްވަމުންދާ މިންވަރު ބަލައި މުރާޖަޢާކުރުމުގައިވެސް އިކޮސޮކް އިން މުހިންމު ދައުރެއް އަދާކުރެއެވެ.