ތަރައްްޤީ

ބްރިޖްގެ ހޮޅިތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ޖަހައި ނިމިއްޖެ


ޗައިނާ މޯލްޑިވްސް ފްރެޑްޝިޕް ބްރިޖްގެ ފައުންޑޭޝަން ޕައިލްގެ ދެބައިކުޅަ އެއްބައި، ޕައިލްކޮށް ނިމިފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އެމިނިސްޓްރީގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ނޫސްވެރިންނާއި މިއަދު ހިއްސާކުރައްވަމުންނެވެ.

މާލެއާއި ހުޅުލެއާއި ދެމެދު އަޅަމުންދާ ޗައިނާ-މޯލްޑިވްސް ފްރެޑްޝިޕް ބްރިޖްގެ ދިގު މިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުރެއެވެ. މި ބްރިޖްގެ މެއިން ޕްލެޓްފޯރމް ހެދުމަށް، މައި 5 ތަނބު ހަދާއިރު، މި ތަނބުތަކުގައި ޖުމްލަ 36 ޕައިލްހިމެނޭނެއެވެ.

img:http://s1.psmnews.mv/images/660x400/14657459000389.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ހައުސިންގ މިނިސްޓްރީ

ހައުސިންގ މިނިސްޓްރީގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިހާތަނަށް 17 ޕައިލް ނުވަތަ ހޮޅި ޖަހާފައިވާކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ހޮޅިތަކަށް މިހާރު ކޮންކްރިޓްވެސް އަޅާފައިވާކަމަށެވެ.

ޑިސެމްބަރު މަހުގެ ނިޔަލަށް ހުރިހާ ޕައިލްއެއް ޖަހާ ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ބްރިޖްގެ ކޮންޓްރެކްޓަރ ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ ކުންފުނިން އެމަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރަމުންދާކަމަށާއި، މަސައްކަތައް ކަނޑައެޅިފައިވާ ޝެޑިއުލަށްވުރެ އަވަހަށް ނިންމަމުންދާކަމަށެވެ.

"ބްރިޖްގެ މައި ތަނބުތައް ޖެހުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 17 ޕައިލެއް ޖަހާ މިހާރު ވަނީ ނިމިފައި. އަދި އިތުރު ޕައިލްތައް ޖެހުމުގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ކަނޑައެޅިފައިވާ ޝެޑިއުލަށްވުރެ އަވަހަށް މަސައްކަތްތައްދަނީ ކުރިއަށް" މިނިސްޓަރ ވިދާޅުވިއެވެ. 

ގާތްގަނޑަކަށް 210 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ މި ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ސަރުކާރުގެ މިހާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބްރިޖުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާ، އެތަން އާއްމުކޮށް ހުޅުވާލުމެވެ.