ހަދުޔު ކަތިލުމަކީ ވަކި ޝަރުތުތަކަކާލައިގެން ޙައްޖުވެރިޔާގެ މައްޗަށް ވާޖިބު ކަމެކެވެ. ޙައްޖުގައި ކަތިލެވޭ ހަދުޔު ވާންވާނީ ނަޢަމުސޫފީގެ ތެރޭގައި ހިމެނޭ ޖަނަވާރަކަށެވެ. އެއީ ޖަމަލާއި ގެރިއާއި ކަންބަޅިބަކަރިއެވެ.
ޙަދިޔުގެ ގޮތުގައި އެތައް ލައްކަ ޤުރުބާނީއެއް ކޮންމެ ޙައްޖު މޫސުމެއްގައި ކަތިލެވެއެވެ. ޙައްޖުގެ ދުވަސްތަކަށް ވަގުތު ކުޑަތަންވެފައިވާއިރު، ގުރުބާން ކަތިލާ ފެސިލިޓީތަކުންވެސް މިހާރުވަނީ މިއަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވެފައެވެ. މިފަދަ ފެސިލިޓީއެއް ބަލާލުމުގެ ފުރުޞަތު، މީޑިއާތަކަށް ވަނީ ދީފައެވެ.
ޙައްޖުގެ އަޅުކަމުގައި، ހަދުޔު ކަތިލުމުގެ ކަންކަން މައްކާގެ 10 ފެސިލިޓީއެއްގައި ކުރިއަށްގެންދެއެވެ. މިއިން ކޮންމެ ފެސިލިޓީއަކީ ދުވާލަކު 300،000 ޤުރުބާން ކަތިލެވޭ ކެޕޭސިޓީއަށް ތަރައްޤީކޮށްފައިވާ ފެސިލިޓީތަކެވެ. ޙައްޖުގެ 3 ދުވަހުގެ ތެރޭގައި 900،000 ޤުރުބާން، މިއިން އެންމެ ފެސިލިޓީއެއްގައި ކަތިލެވެއެވެ.
މި މަސައްކަތުގައި 17،000އަސްވުރެ ގިނަ މުވައްޒަފުން، ޤުރުބާން ކަތިލުމުގައި މަސައްކަތް ކުރެއެވެ. ފެސިލިޓީތަކަށް އަޅުގަނޑުމެން ދިޔައިރު، އެތަންތަން ވަނީ ސާފުކޮށް، ޚިދުމަތަށް ވަރަށް ބޮޑަށް ތައްޔާރުކުރެވިފައެވެ. ހަދުޔުގެ ގޮތުގައި ކަތިލާ ނަޢަމުސޫފިތައް ފެސިލިޓީއަށް ގެންނާނީ، ޤުރުބާން ކަތިލާ ދުވަސް ކައިރިވުމުންނެވެ.
ފެސިލިޓީގެ އެންމެހާ މަސައްކަތްތައް ގެންދަނީ ވަރަށް ތަރުތީބުންނެވެ. ހަދުޔު ކަތިލުމަށްފަހު ވަރަށް ރަނގަޅަށް ސާފުކުރެއެވެ. އަދި ސިއްޙީ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކި ބާވަތުގެ ތަޙުލީލުތައް ކުރެއެވެ. އެކަކުގެ ނަމުގައި ކަތިލެވޭ ކޮންމެ ހަދުޔެއްގެ މަހުގެ ބަރުމިނުގައި މަދުވެގެން 9 ކިލޯ ހުރިކަން ކަށަވަރުކުރާނެއެވެ. އަދި އެއަދަދު ފުރިހަމަނުވާނަމަ، އެއަށް އިތުރުކުރާނެއެވެ.
އެންމެ ބޮޑު އިސްކަމެއް ދޭނީ، ކޮންމެ ޙާޖީއެއްގެ ނަމުގައި ހަދުޔު ކަތިލިކަން ކަށަވަރުކުރުމަށެވެ. މިކަމަށް 3 މަރުޚަލާއެއް ގެންދާއިރު، މެނުއަލްކޮށް އަދި މެޝިނަރީއާއި އަރޓިފިޝަން އިންޓެލިޖެންސްގެ އެހީގައިވެސް ގުނުމުގެ މަސައްކަތް ކުރެއެވެ.
އަދި އެގްރޫޕެއްގެ މީހުންގެ އަދަދަށް ޤުރުބާން ކަތިލެވުމުން، ޙައްޖުވެރިންގެ ގްރޫޕްތަކަށް ނުވަތަ ޙާޖީންނާ ހަވާލުވެގެން އެގްރޫޕެއްގައި އެންމެ އިސްކޮށް ހުންނަ ފަރާތަކަށް، އެކަން އަންގާނެއެވެ.
މިތަކެތި ގަނޑުކުރުމަށް ކޮންމެ ފެސިލިޓީއެއްގައި 20 ގަނޑުކުރާ ގުދަން ހުރެއެވެ. މިތަކެތި ރައްކާކޮށްފައި ހުންނާނީ 25- ޑިގްރީއިން ދަށުގައެވެ. މަހުގެ ތާޒާކަން ކަށަވަރުކުރުމަކީ އެންމެ އިސްކަންދޭ އެއް ކަމެވެ.
މި ތަކެތި ބެހުމުގެ މަސައްކަތް ފަށާނީ ޙައްޖުގެ މަޝާއިރުގެ 5 ދުވަހަށް ފަހުގައެވެ. މިތަކެތި ޕެކުކުރާއިރު، 2.5 ކިލޯ ހަމަވާހެން ޕެކްތައް ތައްޔާރުކުރެއެވެ.
ހަދުޔުގެ ގޮތުގައި ކަތިލާ ނަޢަމްސޫފީގެ މަސް، 27 އިސްލާމީ ޤައުމަކަށް ހަދިޔާކުރެއެވެ. އަދި އެތަކެތި ހަދިޔާ ކުރުމުގައި އިސްކަންދެނީ ފަޤީރުންނަށް ހަދިޔާކުރުމަށެވެ. އެކަން ކުރަނީ ޤައުމުތަކުގެ އެމްބަސީތަކާއި ޖަމިއްޔާތަކާއި ގުޅިގެންނެވެ.