ޚަބަރު

ވޯލްޑް ކަޕްގެ ފޯރި ގަދަކުރަން ޕީއެސްއެމްއިން ކުރާ މަސައްކަތަށް ވަޒީރުގެ ތައުރީފު


  • ހުރިހާ އުމުރަކާ ވެސް ގުޅޭ ތަފާތު ޕްރޮގްރާމްތަކެއް ޕީއެސްއެމް އިން ގެނެސްދޭނެ

  • މެޗު ޝޯވތައް ގެނެސްދޭނީ ތަޖުރިބާކާރު އެނަލިސްޓުންނާއި ހުނަރުވެރި ޕްރެޒެންޓަރުން

އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް 2026 އަކީ ދިވެހިންގެ ތެރެއަށް ގެންނަ ކުޅިވަރުގެ ޢީދަކަށް ހެދުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރަމުންދާ މަސައްކަތްތަކަށް، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ތައުރީފުކުރައްވައިފިއެވެ.

ވޯލްޑް ކަޕް 2026 ގެ ޕީއެސްއެމްގެ ކަވަރޭޖް ލޯންޗުކުރުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ، މުބާރާތް އިތުރަށް ކުލަގަދަކޮށް، ދިވެހިންގެ މެދުގައި މީގެ ފޯރި ގަދަކުރުމަށް ޕީއެސްއެމް އިން ގިނަ ޕްރޮގްރާމްތަކެއް އަދި ހަރަކާތްތަކެއް ރާވާފައިވާކަން ފާހަގަކުރައްވާފައެވެ.

މުބާރާތުގެ ފޯރިއާއި ޖޯޝު، ދިވެހިންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ޕީއެސްއެމް އިން ކުރާ މަސައްކަތްތަކާ މެދު ޝައްކު ނުކުރައްވާކަމަށާއި މިއީ ކާމިޔާބު މަސައްކަތަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"އެކިއެކި ޕްރޮގްރާމްތައް ޕީއެސްއެމް އިން ގެނެސްދީ، ފުޓުބޯޅައިގެ މި އީދު ކުލަގަދަކޮށް ގެންދިއުމަށްޓަކައި ރާވާފައިވާ ހުރިހާ ޕްރޮގްރާމްތަކަށް އިތުރު ފޯރިއެއް ލިބިގެންދާނެ ގޮތަކަށް އަޅުގަނޑު ދެކޭ ގޮތުގައި ހައްދަވާފައި ވަނީ. ވަރަށް ފުރިހަމަކޮށް، ވަރަށް ކާމިޔާބު ކަމާއެކީ އެކަން ދާނެކަމަށް އަޅުގަނޑު އުއްމީދުކުރަން". ވަޒީރު ރާފިއު ވިދާޅުވިއެވެ.

ވަޒީރު ވަނީ، މުބާރާތުގެ ޕީއެސްއެމްގެ ކަވަރޭޖުގައި މެޗު ޝޯވތަކުގެ އެނަލިސްޓުންނާއި ޕްރެޒެންޓަރުންގެ ގާބިލުކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ވެސް ތައުރީފުކުރައްވާފައެވެ.

"މި ވޯލްޑް ކަޕްގައި އަޅުގަނޑުމެންގެ ފުންނާބު އުސް ފުޓުބޯޅައިގެ މާހިރުން ވަނީ އެ ބޭފުޅުންގެ އިރުޝާދާއި މެޗުތައް އެނަލައިޒްކުރުމުގައި ވަރަށް ފޯރިއާއެކު މީގެކުރިން ވެސް ހަރަކާތްތެރިވެފައި. މި ފަހަރު އަޅުގަނޑުމެންނަށް އިތުރު މައުލޫމާތާއި ޕްރޮގްރާމްތަކާއި މެޗުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއްވާނެކަމާ މެދު ވެސް އަޅުގަނޑު ޝައްކެއް ނުކުރަން. އަދި އަޅުގަނޑުމެންގެ ޕްރެޒެންޓަރުންނަކީ ވެސް، ވަރަށް ފުންނާބު އުސް ބައެއްކަމުގައި ވާތީވެ، ކުރިއަށް އޮތް ވޯލްޑް ކަޕަކީ މި އީދަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެއްކަމުގައި އަޅުގަނޑު އުއްމީދުކުރަން'. މެޗު ޝޯވތަކުގެ ޕްރެޒެންޓަރުންނާއި އެނަލިސްޓުންނާމެދު ކުރެވޭ އުއްމީދުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވިއެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކުރައްވައި، މިއީ ދިވެހިންނަށް ވޯލްޑް ކަޕް ގެނެސްދިނުމުގައި ޕީއެސްއެމް އިން ކުރާ ވަރަށް ފުރިހަމަ މަސައްކަތަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށާއި، ޕީއެސްއެމްގެ މި މަސައްކަތަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ޕީއެސްއެމްގެ ހުރިހާ ބޭފުޅުންނަށް، މިހާ ފުރިހަމައަށް މިކަން ރާއްވަވާ، މިކަން އިފްތިތާހުކޮށްދެއްވުމުގެ މަސައްކަތް މިހާ ފުރިހަމަށް ކޮށްދެއްވީތީވެ ފުޓުބޯޅައިގެ އާއިލާގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ކުޅިވަރު ވުޒާރާގެ ނަމުގައި ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަން". ދިވެހިންނާ ހަމައަށް ވޯލްޑް ކަޕް ގެނެސްދީ، ކަވަރޭޖް ފުރިހަމަކުރުމަށް ޕީއެސްއެމް އިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި ވަޒީރު ރާފިއު ވިދާޅުވިއެވެ.

ފުރަތަމަ ފަހަރަށް ދިވެހިންނަށް މުޅިން ހިލޭ ވޯލްޑް ކަޕްގެ މެޗުތަކާއި ގުޅުންހުރި އެކިއެކި ކޮންޓެންޓާއި ހަރަކާތްތައް ގެނެސްދިނުމަށް ޕީއެސްއެމް އިން ތައްޔާރުވަމުން އަންނައިރު، މިފަހަރުގެ ކަވަރޭޖް ވެގެންދާނީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް އާއިލާއާއެކު ވެސް އަދި ރަށްޓެހިންނާއެކު ވެސް ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ކަވަރޭޖަކަށެވެ.

މިފަހަރުގެ ކަވަރޭޖް ގެނެސްދިނުމުގައި ޕީއެސްއެމް އިން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ، ވީހާވެސް ބޮޑަށް ބެލުންތެރިންގެ ބައިވެރިވުން އިތުރުކޮށް، އެންމެންނަށް ވެސް ކަމުދާ ކަހަލަ ކަވަރޭޖެއް ގެނެސްދިނުމަށެވެ.

ޕީއެސްއެމް އިން މިފަހަރުގެ ވޯލްޑް ކަޕަށް މުބާރާތުގެ ކުރިން ވެސް ހާއްސަ ޝޯވ ތަކާއި އަދި މުބާރާތުގެ ތެރޭގައި ވެސް ތަފާތު އެކިއެކި ޕްރޮގްރާމްތައް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.