ޤައުމީ އަންހެން ވޮލީ ޓީމަށް ކުރިޔަށް އޮތީ ވަރަށް "ޗެލެންޖިންގެ" މުބާރާތެއް ކަމަށާއި، ގިނަ އައު ކުޅުންތެރިތަކެއް ހިމަނައިގެން ކުރިޔަށް ގެންދާ ފަރިތަކުރުންތަކުގައި އައު ކުޅުންތެރިންގެ ފަރާތުން ހިތްހަމަޖެހޭވަރުގެ ކުރިއެރުންތަކެއް ފެންނަ ކަމަށް ޓީމުގެ އެސިސްޓެންޓް ކޯޗު ފަތުހުﷲ ވަހީދު ބުނެފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭގ ކޯޓުގައި ކުރިޔަށްދާ ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސް އާއި ވާހަކަދައްކަމުން ކޯޗު ފަތުހުﷲ (ފައްލޯ ކޯޗު) ބުނީ "ހުރިހާ ކުދިންވެސް ކޮމިޓްމެންޓް ވަރަށް ރަނގަޅު. ވަރަށް ހިތްވަރު ކުރޭ. މިއީ ވަރަށް ޗެލެންޖިންގ ޓޯނަމަންޓެއް، އައު ކުޅުންތެރިންތައް ވަރަށް ގިނަ. ވަރަށް ހިތްހަމަޖެހޭ ރަނގަޅު ކުރިއެރުންތައް އެބަ ފެނޭ" ކަމަށެވެ.
ގައުމީ އަންހެން ޓީމުން ތައްޔާރުވަމުން އަންނަނީ މެއި 19 ން 22 އަށް ނޭޕާލްގެ ކަތްމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕަށެވެ. މުބާރާތަށް ޓީމު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހެވެ.
މުޅި ޓީމަށް ބަލާއިރު ސީނިއާ ކުޅުންތެރިންގެ ފަރާތުން އައު ކުޅުންތެރިންނަށް ވަރަށް ގިނަ ކަންކަން ދަސްވާ ކަމަށާއި، މީގެ ތެރޭގައި މީގެ ކުރިން ނޭޕާލަށް ދިޔަ ކުޅުންތެރިން މި ޓީމުގައި ހިމެނުމަކީ ފައިދާއެއް ކަމަށް ކޯޗު ފާހަގަކުރިއެވެ.
ކޯޗު ފަތުހުﷲ ބުނީ ފުރަތަމަ މެޗަކީވެސް ވަރަށް ވަރުގަދަ ޓީމަކާއި ދެކޮޅަށް ނިކުންނަން ޖެހޭ މެޗެއް ކަމަށާއި، އެހެންކަމުން މިހާރު ޓްރޭނިންތައް މި ގެންދަނީ ރަނގަޅު ކުރަން ހުރި ކަންތައްތަކަށް ފޯކަސްކޮށްގެން ކަމަށެވެ.
އިންޑިއާ އާއި ކިރްގިސްތާނު ފަދަ ގައުމުތަކަކީ ސަރަހައްދުގެ ވަރުގަދަ ޓީމުތައް ކަމަށާއި، އެހެންކަމުން މިއީ އުނދަގޫ މުބާރާތަކަށް ވާނެކަން ފާހަގަކުރަމުން ފަތުހުﷲ ބުނީ އެހެންނަމަވެސް ރާއްޖެއިން ހިތްވަރު ދޫކޮށް ނުލާނެ ކަމަށެވެ.
"މެކްޒިމަމް ދެވޭތޯ ވަރަށް މަސައްކަތް ކުރާނެ އަޅުގަނޑުމެންގެ ކުޅުންތެރިން. ދެ ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ ރާއްޖޭން ބޭރުގައި ކުޅޭއިރު ހިތް އަޅުގަނޑުމެންނާއެކުގައި ވާކަން ގަބޫލުކުރަން. މި ފުރުސަތުގައިވެސް ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން" ފަތުހުﷲ ވިދާޅުވިއެވެ.
ޖިމް ސެޝަންތަކާއިއެކު ކޮންމެ ދުވަހަކު ދެ ގަޑިއަކަށް ފަރިތަކުންތައް ބާއްވަމުން އަންނަ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ޕޫލް އޭ ގައެވެ. މި ގުރޫޕްގައި ދެން ހިމެނެނީ އިންޑިއާ، ކިރްގިސްތާން އަދި ނޭޕާލެވެ. ޕޫލް ބީގައި ހިމެނެނީ ބަންގްލަދޭޝް، ސްރީލަންކާ، ކަޒަކިސްތާން އަދި އީރާނެވެ.
ރާއްޖެއިން ފުރަތަމަ މެޗުގައި ނިކުންނާނީ މެއި 22 ގައި ކިރްގިސްތާނާއި ދެކޮޅެވެ. މި މުބާރާތަށް ޓީމު ތައްޔާރުވަނީ، ތަޖުރިބާކާރު ކޯޗު މުޙައްމަދު ނަދީމުގެ އިރުޝާދުގެ ދަށުންނެވެ. ދެވަނަ މެޗުގައި ރާއްޖެ ނިކުންނާއި އިންޑިއާއާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިމަހު 23 ގައެވެ. 24 ގައި ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ މިމަހު 28ގައެވެ. އަދި ފައިނަލް މެޗާއިއެކު ނިންމުމުގެ ރަސްމިއްޔާތު ބާއްވަން ތާވަލުކޮށްފައިވަނީ 29 ވަނަ ދުވަހުގެ ހަވީރަށެވެ.