ޚަބަރު

ހުރިހާ ޙާޖީންގެ ޙާލު ރަނގަޅު، މިހާރު ކުރިއަށްދަނީ ޢުމްރާ އަދާކުރުން


  • ޙާޖިންނަށް ހޫނު މަރުޙަބާއެއް ކިޔާފައިވޭ

  • ހޮޓަލުގައި ހުރިހާ އިންތިޒާމުތަކެއް ފުރިހަމަ

  • ޙާޖީން މިހާރު ވަނީ ޢުމްރާގެ އަޅުކަމަށް ނިކުމެފައި

ފުރަތަމަ ފްލައިޓްގައި ޙައްޖަށް އައި ހުރިހާ ޙާޖީންގެ ޙާލުވެސް ރަނގަޅެވެ. ޙާޖީންނަށް އެއަރޕޯޓުންނާއި އަދި ހޮޓަލުގައި ހޫނު މަރުޚަބާއެއް ވަނީ ކިޔާފައެވެ.

އެއަރޕޯޓުން ޙާޖީންނަށް މަރުޚަބާކީ ދިވެހިރާޖެއިން ސައުދީއަށް ކަނޑައަޅާފައިވާ ސަފީރު އަޙުމަދު ސަރީރުއާއި ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ރައީސް އައްޝައިޚް އިމްތިޠާއު ޢައްބާސްއެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގެދަށުން، ޙާޖީން ޖިއްދާ އެއަރޕޯޓްގައި މަޑުކުރަން ނުޖެހި، ސިދާ ބަހަށް އަރައިގެން އައިސްފައިވަނީ ހޮޓަލަށެވެ.

ހޮޓަލުގައި ކުލަގަދަކޮށް ޙާޖީންނަށް މަރުޚަބާކިޔުން ކުރިއަށްގެންދިޔައެވެ. އެގޮތުން ހޮޓަލަށް އައުމާއެކު، އެކަން ފާހަގަކުރުމަށް ކޮންމެ ޙާޖީއަކަށް ހަދިޔާ ދީފައިވެއެވެ. އަދި ތަފާތު ފޮނިކާތަކެއްޗާ ބުއިންތަކާއެކު، ހޮޓަލުގެ ލޮބީ އޭރިއާއިންވެސް ހޫނު މަރުޚަބާއެއް ކިޔުން އޮތެވެ. ޙަޖީންނަށް މަރުޚަބާކިޔުމަށް ކޭކެއްވެސް ފަޅާފަވެއެވެ.

އެއަށްފަހު ދިވެހި އެކިއެކި ކެއުންތަކާއެކު، ޙާޖީންގެ ކެއިންބުއިމުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހޮޓަލުގައި ކުރިއަށްގެންދިޔައެވެ. ޢުމްރާގެ އަޅުކަމަށް ޙަރަމަށް ދިއުމުގެ ކުރިން، ކޮންމެ ޙާޖީއަކަށްވެސް ހޮޓަލުން ސިމް ލިބޭނެގޮތް ވަނީ ހަދާދީފައެވެ.

ޙާޖީން ހޮޓަލަށް އައިސް ކުޑަވަގުރުކޮޅެއްގެ ތެރޭގައި، ހާޖީންގެ ލަގެޖުވެސް ހޮޓަލަށް ގެނެސް ކޮޓަރިތަކަށް ގެންގޮސް އެކަން ވަރަށް އަވަހަށް ނިންމާފައިވެއެވެ.

އަރާމުކޮށްލުމަށް ވަގުތުކޮޅެއް ދިނުމަށްފަހު، ޙާޖީން ޢުމްރާގެ އަޅުކަމުގެ ކަންކަން މިހާރު ވަނީ ފަށާފައެވެ. މިވަގުތު ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕްގެ ޙާޖީން ގެންދަނީ ޙަރަމުންގައި، ޢުމްރާގެ އަޅުކަން އަދާކުރަމުންނެވެ. ޢުމްރާއަށް ދިއުމުގެ ކުރިންވެސް ޙާޖީންނަށް އިރުޝާދާއި ދީނީ މަޢުލޫމާތު ހޮޓަލުގައި ޙައްޖު ކޯޕަރޭޝަނުން ވަނީ ފޯރުކޮށްދީފައެވެ.

އަދި ޙަރަމުގައި ކޮންމެ ގްރޫޕަކާއެކުވެސް އެހީތެރިން ހަރަކާތްތެރިވެއެވެ. އެތަށް ލައްކަ ބަޔަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްފަވާއިރު، ބައިބޯވުމުގެ ސަބަބުން ޢުމްރާ ފުރިހަމަކުރުމަށްފަހު އެނބުރި ހޮޓަލަށް އާދެވޭނެކަމަށް ބެލެވެނީ މެންދުރުއެވެ. ރާއްޖެއިން ޙައްޖަށް އަންނަ ދެވަނަ ގްރޫޕް އަންނާނީ އާދީއްތަ ދުވަހުއެވެ.