ޚަބަރު

އަލް ނަސްރަށް ލީގު ހޯދުމަށް އިތުރު އިންތިޒާރަކަށް


ސައުދީ ޕްރޯ ލީގުގައި ރޭ އަލް ހިލާލް އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ލީގު ހޯދުމުގެ ފުރުސަތު އަލް ނަސްރަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

2018-2019 ގެ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމަށް އަލް ނަސްރަށް މި މެޗުގައި އޮތީ ފުރުސަތު ހުޅުވިފަ އެވެ. އެގޮތުން މި މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދައިފިނަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.

އަލް ނަސްރަށް ބާކީ އެއް މެޗު އޮތްއިރު އެ ޓީމަށް 33 މެޗުން ލިބިފައިވާ 83 ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް އަލް ހިލާލް އެއް މެޗު މަދުން ކުޅެގެން ވަނީ 78 ޕޮއިންޓް ލިބިފަ އެވެ. އެހެންކަމުން އަލް ހިލާލް އަށް ބާކީ އޮތް ދެ މެޗުން މޮޅުވި ނަމަވެސް އެ ޓީމަށް ލިބޭނީ 84 ޕޮއިންޓެވެ. ދެ ޓީމުގެ ދެމެދުގައި ފަސް ގޯލުގެ ތަފާތަކުން އަލް ނަސްރު ކުރީގައި އޮތްއިރު ފަހު މެޗު އެއްވަރުކޮށްގެންވެސް އަލް ނަސްރަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

އަލް ނަސްރުގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 37 ވަނަ މިނިޓުގައި މުހައްމަދު ސިމަކަން ވަނީ ލަނޑެއް ޖަހާ އަލް ނަސްރަށް ކުރި ހޯދަދީފަ އެވެ. އަދި އަލް ނަސްރަށް މި މެޗުން ލީގެ ޗެމްޕިއަންކަން ލިބޭނެކަމަށް ގަބޫލުކުރެވުނު ނަމަވެސް މެޗުގެ އިންޖަރީ ވަގުތުގެ އަށްވަނަ މިނިޓުގައި އަލް ނަސްރުގެ ގޯލުކީޕަރު ބެންޓޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އެ އުންމީދުތައް ވަނީ ގެއްލިފަ އިތުރު މެޗަކަށް މަޑުކުރަން ޖެހިފަ އެވެ.