ކޯޓުގެ ހުރުމަތް ކަނޑާލިކަމަށް ކަނޑައަޅައި، އަދަދު ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ އަދަދު ނޫހުގެ މުޙައްމަދު ޝަހުޒާން އަދި ލީވާން އަލީ ނަސީރުއެވެ. އެ ދެމީހުން ޖަލަށްލާން ހުކުމްކޮށްފައިވަނީ އަދަދު ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއެއް މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ ވާހަކަތައް ނުދެއްކުމަށް ނެރެފައިވާ ކޯޓު އަމުރާއި ޚިލާފަށް އަމަލުކުރުމުންނެވެ.
ޝަހުޒާން ޖަލަށް ލާން ޙުކުމްކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރުގައި މަނާކޮޮށްފައި ވަނިކޮށް ޑޮކިއުމެންޓްރީގައި ހިމަނާފައިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ. އަދި ނޫސްވެރިޔާ ލީވާން ޖަލަށްލާން ޙުކުމްކުރީ އަދަދުގެ ޑޮކިއުމެންޓްރީއާ ގުޅިގެން ނެރުނު އަމުރާ ޚިލާފުވާ ގޮތަށް ޚަބަރު ލިޔުނު މައްސަލައިގައެވެ.
މި މައްސަލާގައި ކުރެއްވި ހުކުމްގައި ވިދާޅުވީ މި ކުށަކީ ޖުނަޙުގެ އެއްވަނަ ދަރަޖައިގެ ކުށެއްކަމަށާއި، މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 14 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް މިއީ ވަކިގޮތަކަށް އަމަލުނުކުރުމަށް އަންގާ އަމުރަކާއި ޚިލާފުވި ފުރަތަމަ ފަހަރުކަމުން 4 މަހާއި 14 ދުވަހުގެ ޖަލު ޙުކުމުގެ ބޮޑު ބައެއް ވަނީ ޖޫރިމަނާއަށް ބަދަލުކޮށްފައެވެ. އެހެންކަމުން ޝަހުޒާން ތަންފީޒުކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ 15 ދުވަސްއެވެ. އަދި ލީވާން ތަންފީޒުކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ 10 ދުވަސްއެވެ.
އަދަދު ނޫހުން އާންމުކުރި ޑޮކިމެންޓަރީގެ މައްސަލާގައި އެނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވަނީ ޤަޛުފުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.
ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި އަދަދު ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް ވަނުމުގެ ހުއްދަ އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް ދޫނުކުރުމަށް ވެސް ވަނީ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެގޮތަށް ނިންމެވީ އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް މަޢުލޫމާތު ދެއްވާފައިވާތީއާއި އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނުން ވެސް ބައްލަވަމުންދާކަމަށް އެއޮފީހަށް މަޢުލޫމާތު ދެއްވާފައިވާފައިވާތީއެވެ.