ޚަބަރު

ކުޑަހުވަދޫ އާއި މަހިބަދޫ އެއްވަރު، ގައްދޫއަށް މޮޅެއް


  • ކުޑަހުވަދޫ އާއި މަހިބަދޫ އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއިން

  • ފޭދޫގެ މައްޗަށް ގައްދޫ ކުރިހޯދާފައި ވަނީ 0-3 ގެ ނަތީޖާއިން

ދިވެހި ޕްރެމިއަރ ލީގުގައި އަންނަ އަހަރު ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދާ ރީޖަނަލް ލީގުތަކުގެ ސެންޓްރަލް ލީގުގައި އިއްޔެ ކުޑަހުވަދޫ އާއި މަހިބަދޫ ބައްދަލުކުރި މެޗު، 1-1 ގެ ނަތީޖާއިން އެއްވަރުވެފައި ވާއިރު، ސައުތު ލީގުގައި ކުޅުނު މެޗު، 0-3 ގެ ނަތީޖާއިން ފޭދޫ ބަލިކޮށް، ގައްދޫއިން ކާމިޔާބުކޮށްފިއެވެ.

މި ނަތީޖާތަކާއެކު، ސެންޓްރަލް އަދި ސައުތު ލީގުގެ ކޮންމެ ޓީމަކުން ވެސް ތިންމެޗު ކުޅެފަވާއިރު، ސެންޓްރަލް ލީގުގައި ކުޅުނު 3 މެޗުން ލިބުނު 6 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ދ.މީދޫއެވެ. 4 ޕޮއިންޓާއެކު ހުރާ ދެވަނައިގައި އަދި މަހިބަދޫ ތިންވަނައިގައި އޮތް އިރު، ހުރާ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ސެންޓްރަލް ލީގުގެ ފުލުގައި މިވަގުތު އޮތް ކުޑަހުވަދޫއަށް ލިބިފައިވަނީ 2 ޕޮއިންޓެވެ.

ސައުތު ލީގުގައި، ކުޅުނު 3 މެޗުވެސް ކާމިޔާބުކޮށްގެން އެއްވަނައިގައި އޮތީ ގދ.ގައްދޫއެވެ. ދެވަނަ އަދި ތިންވަނައިގައި އޮތް ލ.ގަން އަދި ސ.ފޭދޫއަށް ލިބެނީ 4 ޕޮއިންޓެވެ. މި ދެޓީމުވެސް ފަރަގުވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގަމަށް ފައިދާ ގޯލެއް ނުލިބޭއިރު، ފޭދޫއަށް 1 ގޯލުގެ ގެއްލުން ލިބިފައިވެއެވެ. ސައުތު ލީގުގެ ފުލުގައި އޮތީ ލ.ކުނަހަންދޫއެވެ. އެޓީމަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މުބާރާތުގެ ނޯތު ލީގުގައި ކޮންމެ ޓީމަކުން ތިން މެޗު ކުޅުނު އިރު ތިން ޕޮއިންޓުގެ ލީޑަކާ އެކު ކުރީގަ އޮތީ ދިއްދޫއެވެ. އެއީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކުއެވެ. ހަނިމާދޫ ދެވަނައިގަ އޮތީ 6 ޕޮއިންޓާއެކުއެވެ. އޭދަފުށި ތިންވަނައިގަ އޮތީ ތިން ޕޮއިންޓާއެކުއެވެ. ޕޮއިންޓެއް ނުލިިބި ފުލުގައި އޮތީ މަނަދޫއެެވެ.