ޚަބަރު

ދައުލަތަށް ލިބުނު އާމްދަނީ ލަފާކުރި އާމްދަނީއަށް ވުރެ %16 އިތުރު


  • ޖުމްލަ 2.63 ބިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވޭ

  • އާމްދަނީ ދަށްވާނެ ކަމަށް ލަފާކުރީ ފަތުރުވެރިން އައުން މަދުވުމުން

  • އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޖީއެސްޓީ

މިއަހަރުގެ އެޕްރީލް މަހު ދައުލަތައް ލިބޭނެކަމަށް ލަފާކުރި އާމްދަނީއާއި އަޅާބަލާއިރު އެޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ %16 އިތުރުވެފައިވާ ކަމަށް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

ދައުލަތުގެ އާމްދަނީގެ ތަފާސްހިސާބުތައް މީރާއިން މަހުން މަހަށް ދަނީ އާންމު ކުރަމުންނެވެ.

މީރާއިން އާންމުކޮށްފައިވާ އެޕްރީލް މަހުގެ އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އެޕްރީލް މަހު ދައުލަތަށް ޑޮލަރު އާމްދަނީ ހިމެނޭހެން ޖުމްލަ 2.63 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. ޑޮލަރު އާމްދަނީ ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 120.70 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީ އަޅާ ބަލާނަމަ %0.3 ދަށް އަދަދެކެވެ.

އާމްދަނީ ދައްވުމުގައި އެޕްރީލް މަހު އައި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %19.8 ދަށްވުމާއި، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ސީއެސްއާރް ފީގެ ގޮތުގައި ލިބުނު ވަރު މަދުވުން މީރާއިން ފާހަގަކުރެއެވެ. އަދި ޓެކްސް އާމްދަނީންވެސް މަދުވެފައިވާކަން އެއިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެޕްރީލް މަހު ލިބުނު އާމްދަނީއަށް މިދިޔަ އަހަރާއި އަލާބަލާއިރު ބޮޑު ފަރަޤެއް އައިސްފައި ނުވިނަމަވެސް، މިއަހަރު އެޕްރީލް މަހު މި އާމްދަނީ ދައްވާނެކަމަށް މީރާއިން ލަފާކޮށްފައިވެއެވެ.

މީގެ އެންމެ ބޮޑު ސަބަބަކީ މިހާރު މެދު އިރުމަތީގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމެވެ. ނަމަވެސް މިއާމްދަނީ ވަނީ %16.6 އިތުރެވެ. އަންދާޒާ ކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ޖީއެސްޓީއާއި ފަތުރުވެރިކަމުގެ ކުލީގެ އާމްދަނީގެ އިތުރުން ވޯކް ޕާމިޓް ފީއިން ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ އިތުރުން ޓެކްސް ދެއްކުމުގެ މުހްލަތު ހަމަވެފައިވާ ފައިސާއިންވެސް ބޮޑުބައެއް މިދިޔަ މަހުގެ ތެރޭގައި ލިބުމަކީ އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެއެވެ.

މިދިޔަ އެޕްރީލް މަހުގެ މީރާއަށް ނުލިބި ހުރިފައިސާގެ ތެރެއިން އެއިދާރާއިން ކުރި މަސައްކަތުން 543 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 372 މިލިޔަން ރުފިޔާ ހޯދާފައިވާއިރު، ޑިއުސް ކްލިއަރެންސްގެ ތެރެއިން 96 މިލިޔަން ރުފިޔާ ހޯދާފައިވާކަމަށް މީރާއިން ވިދާޅުވެވެ.

އިންސްޓޯލްމެންޓް އުސޫލުން ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ފަރާތްތަކުން ދެއްކި 64 މިލިޔަން ރުފިޔާއާއި، ފޯން އަދި އީމެއިލް މެދުވެރިކޮށް ހަނދުމަކޮށްދީގެން ހޯދި 5 މިލިޔަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ފިޔަވަޅު އަޅައިގެން 4 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.

މީރާގެ އާމްދަނީގެ ބޮޑު ބައެއް މިދިޔަ އެޕްރީލް މަހު ހިއްސާ ކުރީ ޓެކްސް އާމްދަނީއެވެ. އެގޮތުން ޓެކްސް އާމްދަނީގެ ތެރެއިން 1.7 ބިލިޔަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާކަމަށް މީރާއިން ވިދާޅުވިއެވެ. މިއީ އާމްދަނީގެ %63.6 އެވެ. ގްރީން ޓެކްސް އާމްދަނީ %7.1 ހިއްސާކުރާއިރު، 185 މިލިޔަން ރުފިޔާ ގްރީން ޓެކުހުން ވަނީ ދައުލަތަށް ލިބިފައެވެ.

މީގެ އިތުރުން އާމްދަނީން ނަގާ ޓެކްހުގެ ގޮތުގައި 178 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ނިސްބަތުން އެއަރޕޯޓް ޑިވެލޮޕްމެންޓް ފީއާއި ޑިޕާޗަރ ޓެކުގެ ގޮތުގައި މިއިން ކޮންމެ ބަޔަކަށް 152 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ރިސޯޓު ކުލީގެ ގޮތުގައި ލިބިފައިވަނީ 129 މިލިޔަން ރުފިޔާއެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މީރާއިން ދަނީ ޤަވާއިދުތަކުގެ ތެރެއިން ނުލިބި ހުރި އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.