ޚަބަރު

ދުނިޔޭގެ ބާޒާރަށް އެއް ބިލިޔަން ފީފާ ތެލުގެ ގެއްލުން


ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް އެއް ބިލިޔަން ފީފާގެ ތެޔޮ ދުނިޔޭގެ ބާޒާރުން ގެެއްލިފައިވާ ކަމަށް ސަޢުދީ ޢަރަބިއްޔާގެ ތެޔޮ ކުންފުނި، އަރާމްކޯގެ ސީއީއޯ ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމުން އީރާނުން ވަނީ ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބޭނުން ކުރުމަށް ހުރަސްއަޅަައިފައެވެ. އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

އަަރާމްކޯގެ ސީއީއޯ، އަމީން ނާޞިރު ވިދާޅުވީ އެ ކުންފުނީގެ މަޤްޞަދަކީ ކިތަންމެ ޙާލަތު ގޯސްވި ނަމަވެސް ހަކަތަ ދައުރުވުން ހުއްޓުނަ ނުދިނުން ކަމަށެވެ. އޭނާ އެހެން ވިދާޅުވީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އަރާމްކޯގެ ސާފު ފައިދާ 25 އިންސައްތައިން އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައި ވަނިކޮށެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން އަރާމްކޯއިން ދަނީ އެ ކަނޑުއޮޅި ބޭނުންކުރުމުގެ ބަދަލުގައި އަރާމްކޯއިން ހިންގާ “އީސްޓް-ވެސްޓް” ޕައިޕްލައިން ބޭނުން ކުރަމުންނެވެ. އެ ޕައިޕްލައިން ބޭނުންކޮށްގެންް ސަޢުދީ ޢަރަބިއްޔާގެ އިރުމަތީ އައްސޭރިފަށުން ހުޅަނގުގެ އައްސޭރިފަށް ކަމަށްވާ ރަތް ކަނޑަށް ތެޔޮ ފޯރުކޮށްދެއެވެ. މި މަގަކީ ގަލްފުގެ ސަރަޙައްދުގައި ހުރަސްތައް ކުރިމަތިވުމުން ދުނިޔެއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް ކޮންމެހެން މުހިންމު ޕައިލްލައިންއެއް ކަމަށް ނަސީރު ވިދާޅުވިއެވެ.

ނަސީރު އިތުރަށް ވިދާޅުވީ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ޝިޕިންގ މަގުތަކަށް ބަދަލު އައި ނަމަވެސް އޭޝިޔާއަށް ތެޔޮ ފޯރުކޮށްދިނުމަކީ އަރާމްކޯއިން ޚާއްޞަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެއީ ތެލުގެ ބޮޑު ނިސްބަތެއް ގަންނަނީ އޭޝިޔާއަށް ނިސްބަތްވާ ޤައުމުތަކުން ކަމަށް ވާތީއެވެ. އޭޝިޔާއަށް ތެޔޮ ފޯރުކޮށްދިނުމަކީ ދުނިޔޭގައި ތެލަށް އޮންނަ ޑިމާންޑަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.