މި ސަރުކާރުން ކާޑުގެ ސަބްސިޑީ ނަގަމުން އައި އުސޫލަށް ބަދަލު ގެންނެވީ ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ކުޑަކުރަން ބޭނުން ނުވާތީކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޓީވީއެމް ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުރީ ސަރުކާރުތަކުން ކާޑުގެ ސަބްސިޑީއާއި އަދި އެހެނިހެން ސަބްސިޑީވެސް ދެމުން އަންނަނީ އޭގެ ހައްގުވެރި ފަރާތްތަކަށް ނޫންކަމަށް ބުނެ ވަނީ ވަކާލާތުކޮށްފައެވެ. އެގޮތުން އެކި ސަރުކާރުތަކުން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އަޅުއްވާފައިވަނީ އެކި ފިޔަވަޅުތަކެވެ. ބައެއް ސަރުކާރުތަކުން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ވިސްނަވާ ދެއްކެވި ވާހަކަފުޅުތަކުގައި ކާޑުގެ ސަބްސިޑީ ދެވެނީ އޭގެ އެންމެ ހައްގުވެރި ފަރާތްތަކަށް ނޫންކަމަށް ވިދާޅުވެފައިވެއެވެ. މިއާއެކު މި ސަބްސިޑީގެ ބޮޑު ބައެއް ހޭދަކުރަނީ މުއްސަދިންނަށާއި ފަތުވެރިންގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެކަން އެގޮތަށް އޮތްއޮތުން ހުއްޓާލަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނަމަވެސް ކާޑުގެ ސަބްސިޑީ ދެމުންއައިގޮތަށް ގެންނާނެ މާބޮޑު ރަނގަޅު ޙައްލެއް އެ ސަރުކާރުތަކަށް ފެނިފައިނުވާކަން ދޭހަވަނީ އެ ސަރުކާރުތަކުން ކާޑުގެ ސަބްސިޑީ ދެމުންއައި އުސޫލަށް ބަދަލުގެންނަވާފައި ނުވުމުންނެވެ. ނަމަވެސް އޭރު ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމަށް ކުރައްވަމުންއައި ކަންތައްތަކުގެ ތެރޭގައި ސިވިލް ސަރވިސް މުއައްޒަފުންގެ މުސާރަ ކުޑަކުރުމާއި ސިވިލް ސަރވިސް މުއައްޒަފުންގެ ޢަދަދު މަދުކުރުން ހިމެނެއެވެ. ނަމަވެސް މި ސަރުކާރުން މިކަންކަންކަމުގެ ބަދަލުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް އެޅުއްވި ފިޔަވަޅަކީ ސަރުކާރުން ދެމުންއައި ކާޑުގެ ސަބްސިޑީ އޭގެ ހައްޤުވެރިންނަށް ލިބޭނެ މަގުފަހި ކޮށްދެއްވުން ކަމުގައި އިކޮނޮމިކް މިނިސްޓަރ މުޙަމަދު ސަޢީދު ވިދާޅުވިއެވެ.
ސަބްސިޑީ ދެއްވުމުގެ އުޞޫލަށް ސަރުކާރުން ގެންނެވި ބަދަލުތަކާ ބެހޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދުގެ ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ސަރުކާރުން މި ސިޔާސަތަށް ބަދަލުގެންނެވީ ކާޑުގެ ސަބްސިޑީ ދެއްވުމުގައި ގެންގުޅުއްވި އުޞޫލުގެ ސަބަބުން ސަބްސިޑީ ލިބެންނުޖެހޭ އެތައް ބަޔަކަށް ސަބްސިޑީ ލިބެމުންދާތީ، ސަބްސިޑީގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. ސަބްސިޑީއަށް ބަދަލުގެންނެވުމުގެ ބޭނުމަކީ، ސަރުކާރަށް ފައިސާ އިތުރުކުރެއްވުން ނޫންކަމަށާއި އެކަމުގެ ބޭނުމަކީ، އެ ފައިސާ ހޭދަކުރައްވައިގެން ރައްޔިތުންނަށް ތަރައްޤީ ހޯއްދަވައިދެއްވުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.