ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، މާފުށީ ސްކޫލުން ފަސޭހަކަމާއެކު "ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމުން ހުރަވީ ސްކޫލުގެ މައްޗަށް ކުރިހޯދާފައި ވަނީ 1-6 ގެ ނަތީޖާއިންނެވެ.
މާފުށީ ސްކޫލުން ލީޑުނަގާފައި ވަނީ ލިބުނު ހިލޭޖެހުމަކުން، މެޗުގެ 14 ވަނަ މިނެޓުގައެވެ. އެއަށްފަހު، ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ލީޑު ފުޅާކުރުމަށް އެޓީމަށް ލިބުނު ގިނަ ފުރުސަތުތަކުން ފުރުސަތެއްގެ ބޭނުން ހިފާ، އެޓީމުން ވަނީ މެޗުގެ 29 ވަނަ މިނެޓުގައި 2 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މިއީ އޮފްސައިޑު ގޯލެއް ކަމަށް ހުރަވީ ސްކޫލު ކުޅުންތެރިން ވަރަށް ބޮޑަށް އެޕީލްކުރި ނަމަވެސް، ލައިންސްމަން ނިންމެވީ ގޯލު ރަނގަޅު ކަމަށެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ، 0-2 ކުން މާފުށީ ސްކޫލު ކުރީގައި އޮވެގެންނެވެ.
މާފުށީ ސްކޫލުން ވަނީ، ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ، އިތުރު 2 ގޯލު ކާމިޔާބުކޮށްފައެވެ. އެގޮތުން، މެޗުގެ 31 ވަނަ މިނެޓުގައި، އެޓީމުގެ 3 ވަނަ ގޯލު ކާމިޔާބުކޮށްފައިވާއިރު، 4 ވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ އޭގެ އެންމެ 3 މިނެޓުފަހުންނެވެ.
މި މެޗުގައި މާފުށީ ސްކޫލުން ވަނީ ކެނޑިނޭޅި، ހުރަވީ ސްކޫލުގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ މެޗުގެ 51 ވަނަ މިނެޓުގައި އިތުރު ގޯލެއް ކާމިޔާބުކޮށް، މެޗުގެ ނަތީޖާ 0-5 އަކަށް ބަދަލުކޮށްފައެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން، މެޗުގެ 53 ވަނަ މިނެޓުގައި ހުރަވީ ސްކޫލުން ވަނީ އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ. އަދި އޭގެ 2 މިނެޓު ފަހުން، މެޗުގެ 55 ވަނަ މިނެޓުގައި ފެނިގެންދިޔައީ މާފުށީ ސްކޫލުން އެޓީމުގެ 6 ވަނަ ގޯލު ކާމިޔާބުކުރިތަނެވެ.
މުޅި މެޗުގައިވެސް، ހުނަރުވެރި ކުޅުންތެރިންތަކެއްގެ ފަރާތުން ރީތި ކުޅުމެއް ފެނިގެންދިޔައެވެ. މިނަތީޖާއާއެކު، މާފުށީ ސްކޫލުން މިވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އެޓީމުގެ ފުރަތަމަ މެޗުގައި މުޙްޔިއްދީން ސްކޫލް އަތުން މޮޅުވެފައި ވަނީ 2-5 ގެ ބޮޑު ތަފާތަކުންނެވެ. ނަމަވެސް، ކެޔޮދޫ ސްކޫލް އަތުން މޮޅުވީ ހަނި ގޮތަކަށް، 0-1 ގެ ނަތީޖާއިންނެވެ.