ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތުގައި ތަފާތު ދައްކަމުން އަންނަ އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމުގައި ހުރި ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އަންދްރޭސް ގާސިއާ، އެ ޓީމުގެ އެކެޑަމީގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.
މިކަން ހާމަކޮށް އެ ކުލަބުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ޒުވާން ޖީލު، ފުޓުބޯޅައިގައި ކުރިއެރުވުމަށް އޮޑި ސްޕޯޓްސް ކުލަބުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުލަބުގެ އެކަޑެމީގައި، ސީނިއަރ ޓީމުގެ ބައެއް މެމްބަރުން ވެސް ހަރަކާތްތެރިވާން ފަށާފަައިވާ ކަމަށާއި، ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ހެޑް ކޯޗު، ގާސިއާ އައްޔަންކޮށްފައިވާ ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި އޮޑި ސްޕޯޓްސް ކުލަބާއެކު ގާސިއާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ މަހު ހަމަވާނެއެވެ. ގާސިއާގެ ކޮންޓްރެކްޓާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އޮޑީ ސްޕޯޓްސް ކުލަބުގެ އިސް އޮފިޝަލަކު ބުނީ، ކޮންޓްރެކްޓުގެ މުއްދަތު ހަމަވާން ކައިރިވެފައިވާތީއާއެކު، ގާސިއާ އާއިއެކު އެއްބަސްވުން އައުކުރަން ވާހަކަދެކެވި، މަޝްވަރާކުރަމުންދާ ކަމަށެވެ.
އެހެންނަމަވެސް އަދި މިކަމާ ގުޅޭގޮތުން ގޮތެއް ނިމިފައި ނުވި ނަމަވެސް، އޭނާ މަޑުކުރުމުގެ ފުރުސަތު ބޮޑުކަން އޮފިޝަލް ހާމަކުރެއްވިއެވެ. ކޯޗެއްގެ ގޮތުގައި ނުފެނުނު ނަމަވެސް އަދި ރާއްޖެއިން ބޭރުގައި ހުރެގެން ވިޔަސް، ޓީމުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ގާސިއާ ހުރުމުގެ ފުރުސަތު އޮތްކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އީރާން އާއި ޗައިނާގައިވެސް މަސައްކަތް ކޮށްފައިވާ ކޯޗު ގާސިއާއަކީ އޭޝިއާ ފުޓްބޯޅައިގެ ތަޖްރިބާ ހުރި ކޯޗެކެވެ. ރާއްޖެއަކީ އޭނާ މަސައްކަތްކުރާ 10 ވަނަ ގައުމެވެ.
ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއަރ ލީގުގައި ނުވަތަ ރާއްޖޭގެ ޓޮޕް ޑިވިޝަނުގައި އޮޑި ސްޕޯޓްސް ކުލަބުން ވާދަކުރީ ނިމިދިޔަ ފުޓުބޯޅަ ސީޒަނުގައެވެ. ފުރަތަމަ ސީޒަނުގައި ވެސް، ގާސިއާގެ އިރުޝާދުގެ ދަށުން ކުޅެ އޮޑިން ވަނީ ދިވެހި ފުޓުބޯޅައިގައި މީގެކުރިން އެހެން އެއްވެސް ކުލަބަކަށް ހޯދިފައި ނުވާ ފަދަ ޝަރަފާއި ކާމިޔާބީތައް ހޯދާފައެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވެނީ "ޑެބިއު" ސީޒަނުގައި ވާދަކޮށް، ޕްރެޒިޑެންޓްސް ކަޕުގެ ތަށި އުފުލާލުމެވެ. މީގެއިތުރުން އޮޑި ސްޕޯޓްސް ކުލަބުން ވަނީ މިދިޔަ ސީޒަނުގެ ދިވެހި ލީގުގެ ރަނަރަޕް ކަން ވެސް ހޯދާފައެވެ.
އޮޑިން އަންނަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުންތެރިން ހޯދައި، ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންނެވެ.