އަންނަ އަހަރު ދިވެހި ޕްރިމިއަރ ލީގުގައި ކުޅޭނެ ޓީމެއް ކަނޑައެޅުމަށް، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެން ކުރިއަށްދާ ރީޖަންސް ލީގުގެ ނޯތު ލީގުގައި ހދ.ހަނިމާދޫ އާއި ހއ.ދިއްދޫ ބައްދަލުކުރި މެޗު، 2 ލަނޑު 1 ލަނޑުން ދިއްދޫ ކާމިޔާބުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ލީޑު ދިއްދޫން، ނަގާފައިވަނީ މެޗްގެ 16 ވަނަ މިނިޓުގައެވެ. މިލަނޑަށްފަހުވެސް ފެނިގެންދިޔައީ ދިއްދޫން، ހަނިމާދޫއަށް ހިންދަމާލާނެ ފުރުސަތެއް ނުދީ އެޓީމުގެ ގޯލަށް ނުރައްކާކުރަމުންދިޔަ ތަނެވެ. ނަމަވެސް ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
ދިއްދޫން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 55 ވަނަ މިނިޓުގައެވެ. ވެހެމުންދިޔަ ބޯ ވާރޭތެރޭގައި، އެޓީމުން މިލަނޑު ކާމިޔާބުކޮށްފައި ވަނީ، ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް، ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ 84 ވަނަ މިނިޓުގައި ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެން، ހަނިމާދޫގެ މުޙައްމަދު ޝަނާޢު ނަޞީރަށް ވަނީ ރަތްކާޑެއް ދައްކާފައެވެ.
ހަނިމާދޫއަށް މެޗުގައި ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑަކީ، މެޗުގެ 90ވަނަ މިނިޓުގެ ކުޅުން ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ 6 ވަނަ މިނިޓުގައި އެޓީމުން ކާމިޔާބުކުރި ލަނޑެކެވެ.
މިމެޗާއެކު ހަނިމާދޫން ވަނީ 2 މެޗު ކުޅެ، 1 މެޗުން މޮޅުވެ، އަދި 1 މެޗުން ބަލިވެފައެވެ.
މިލީގުގައި ހަނިމާދޫ ކުޅޭ ތިންވަނަ މެޗުގައި، މިމަހުގެ 9 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ބ.އޭދަފުއްޓާ ދެކޮޅަށެވެ.